ވެމްކޯ އިން މާލޭގެ ގޭބިސީތަކަށް ފޯރުކޮށް ދެމުންދާ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ. މިއާއެކު މާދަމައިން ފެށިގެން ކުނި ނެރޭ ގަޑި ބަދަލު ވާނެއެވެ.
އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މާދަމައިން ފެށިގެން މާލޭ ސިޓީގެ ގޭބިސީތަކުން ކުނި ނެރެން ޖެހެނީ ރޭގަނޑު 8:30 އިން 9:30 އާއި ދެމެދު ކަމަށެވެ. މި ގަޑީގައި ކުނި ނެރެން ޖެހެނީ ހަމައެކަނި މާލޭގައި ދިރިއުޅޭ ރައްޔިތުންނެވެ.
ކުނި ނަގާ ގަޑިއަށް ބަދަލު ގެނެސްފައި ވަނީ މާލެ ސިޓީގައި ކާފިއު އިއުލާންކޮށް، އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއެއް ކަނޑައެޅުމާ ގުޅިގެންނެވެ. މިރެއިން ފެށިގެން މި ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާނެއެވެ. އެގޮތުން ރޭގަނޑު 8:30 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ އިރު، ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ، ބަލިން ރައްކާތެރި ވުމުގެ ގޮތުންނެވެ. އެގޮތުން، ވޭތުވެދިޔަ 2 ހަފްތާގައި މާލެ ސަރަހައްދުން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު ބޮޑުތަނުން މަތިވެފައި ވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެޗްއީއޯސީން ބުނާ ގޮތުން، ކޭސްތައް އެހާ ބޮޑަށް އިތުރުވީ، ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އާންމުން ބޯލަނބާ މިންވަރު ދަށްވީމައި ކަމަށެވެ.
ވެމްކޯއިން މާލޭގެ ކުނި ނަގާ ގަޑިއަށް ބަދަލުތަކެއް ގެނެސްފައި ވާއިރު، ދުވާލު ގަޑީގައި ކުނި ނެގުމުގެ ހިދުމަތް ދޭތީ، މާލެތެރެ ގޮނޑު ވާތީ މިދިޔަ ޖެނުއަރީ މަސް ތެރޭގައި ވަނީ ކުނި ނަގާ ގަޑިއަށް ބަދަލު ގެނެސްފައެވެ. އެގޮތުން ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެން މާލޭގައި ކުނި ބޭރަށް ނެރެން ޖެހެނީ ރޭގަނޑު 10:00 އިން 00:00 އާ ހަމައަށެވެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު، މާދަމައިން ފެށިގެން ރޭގަނޑު 8:30 ގައި ކުނި ނެރެން ޖެހޭނެއެވެ.