ވަގަށް ނަގާފައިވާ ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ ތިލަފުށި ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ދިރިއުޅޭ ތަނަކުން ބިދޭސީ މުވައްޒަފެއްގެ 59500 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް، ޖެނުއަރީ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ކުރި ތަހުގީގުގެ ތެރެއިން އެ ފައިސާތައް ހޯދާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ތަހުގީގުގެ ތެރެއިން އެކަމާ ގުޅިގެން ތުހުމަތު ކުރެވޭ މީހުންނާއި އެމީހުން ދާނެ ކަމަށް ބެލެވޭ ތަންތަން ދެނެގަތުމަށް ސީސީޓީވީ ފުޓޭޖުތައް ބަލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ބެލިބެލުމުގެ ތެރެއިން ބައެއް ފައިސާ ފެނިފައިވަނީ ތިލަފުށި ސައިޓެއްގައިހުރި ޖަމްބޯ ބޭގެއްގެ ތެރެއިން ކަމަށާއި ބާކީ ފައިސާ ހޯދާފައިވަނީ ބަނގްލަދޭޝްގައި ހުރި މީހެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައި ހުއްޓާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިހުރި ފައިސާއާއެކު ޖުމްލަ 59500 ރުފިޔާ މިހާރު ވަނީ އެ ބިދޭސީ މުވައްޒަފާ ހަވާލުކޮށްފައި ކަމަށެވެ.

މި މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.