ކޮވިޑް-19 ފެތުރޭތީ، ރައްކާތެރިވުމުގެ ގޮތުން ބީއެމްއެލްގެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.
ބީއެމްއެލުން ބުނީ، އެޗްޕީއޭއިން ކަނޑައަޅާފައިވާ މަސައްކަތުގެ މާހައުލުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ހިދުމަތް ފޯރުކޮށް ދިނުމަށް ބޭންކުގެ މުވައްޒަފުން ޑިއުޓީ އަދާ ކުރާ ގޮތަށް ވެސް ބަދަލު ގެނެސްފައި ވާ ކަމަށެވެ. އެގޮތުން މުވައްޒަފުން ވަކިވަކި ޓީމް ތަކަށް ބަހާލައިގެން ޝިފްޓް ޑިއުޓީ އަދި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ވާ ކަމަށެވެ.
ހިދުމަތްތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ/އެލްސީ)ގެ ހިދުމަތް ހެނދުނު 11:00ގެ ކުރިން ހުށަހެޅުމުން އެދުވަހު ޕްރޮސެސް ކުރާނެއެވެ. އަދި 11:00ގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުއެވެ. ޕޭރޯލް ހިދުމަތް، ބީއެމްއެލް ޗެކް ޕްރޮސެސްކުރުން އަދި ލޯކަލް ބޭންކް ޓްރާންސްފާ މެންދުރު 12:00ގެ ކުރިން ހުށަހެޅުމުން އެދުވަހު ޕްރޮސެސް ކުރާނެއެވެ. އަދި 12:00ގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުއެވެ.
އެހެން ބޭންކުތައް މެދުވެރިކޮށް ޗެކް ޕްރޮސެސް ކުރާއިރު، ހެނދުނު 11:00ގެ ކުރިން ޖަމާ ކުރާ ކްލިއަރިން ޗެކްތައް އެދުވަހު ޕްރޮޮސެސް ކުރާއިރު 11:00 ކުރިން ޖަމާ ކުރާ ޗެކުތައް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުއެވެ.
ބީއެމްއެލުން ބުނީ މާލޭގައި ގާއިމް ކޮށްފައިވާ ބްރާންޗުތަކާއި، ސާވިސް ސެންޓަރުތަކުން ހިދުމަތް ދޭނީ އޮންލައިން ޓޯކަން އަށް ކަމަށެވެ. އަދި އޮންލައިން ޓޯކެން ލިބޭނީ ބޭންކިންގެ ހިދުމަތް ދޭ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކިއުބީ އެޕް މެދުވެރިކޮށް ކަމަށް ބީއެމްއެލުން ބުނެއެވެ. ހަމައެއާއެކު އެކައުންޓް އޯޕެނިން ސެންޓަރު، ލޯނު ސެންޓަރު އަދި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ހިދުމަތް ދޭނީ އެޕޮއިންޓްމަންޓް މެދުވެރިކޮށެވެ. އެޕޮއިންޓްމަންޓަށް އެދި ހުށަހަޅަން ޖެހެނީ އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް ކަމަށް ބީއެމްއެލުން ބުނެއެވެ.