މަކަރާއި ހީލަތުގެ މައްސަލަތަކުން ސަލާމަތްވުމަށް ހޭލުންތެރިވާންޖެހޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެކި ގޮތްގޮތުން އެކި ނަންނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާ މައްސަލަތައް މުޖުތަމައުގައި އަންނަނީ ހިނގަމުން ކަމަށެވެ.

އެގޮތުން ތަންތަން ކުއްޔަށް ދޭނެކަމަށް ބުނެ އެޑްވާންސްގެ ގޮތުގައި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމާއި ޑެލިވަރީ ކޮށްދޭނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ތަކެތި ޑެލިވަރީ ކޮށް ނުދިނުމާއި ރާސްޓަސް އަދި ރީލޯޑް ކުރުމާއި އޮންލައިންކޮށް ވިޔަފާރިކުރުމަށްފަހު ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ބޭރުން މުދާ އެތެރެ ކޮށްދޭނެ ކަމަށް ބުނެ ފައިސާ ހޯދާ މުދާ އެތެރެކޮށް ނުދޭ މައްސަލަތަކުގެ އިތުރުން އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ފައިސާ ހޯދުމުގެ މައްސަލަތައް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ނުދަންނަ ނަންބަރުތަކުން ގުޅައި އެއީ އާއިލާ މީހެއް ކަމަށް ބުނެ ރަހުމަތްތެރި ރާގަކަށް ވާހަކަދައްކާ ފައިސާއަށް ޑިމާންޑުކުރާ މައްސަލަތައް ވެސް ފަހަކަށް އައިސް ހިނގާފައި އެބަހުރި ކަމަށް ފުލުހުން ވަނީ ބުނެފައއެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެއާއި އަތޮޅުތަކުގައި ވެސް މަކަރާއި ހީލަތުގެ މައްސަލަތައް ހުށަހެޅިފައިވާ މިންވަރު އިތުރުވެފައިވާ ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އަތޮޅުތެރެއިން މަކަރާ ހީލަތުގެ 127 މައްސަލައެއް މިދިޔަ އަހަރު ފުލުހުންނަށް ހުށަހެފައިވާއިރު 2019 ވަނަ އަހަރު ހުށަހެޅިފައިވަނީ މިފަދަ 101 މައްސަލައެވެ. މާލެ ސަރަހައްދަށް ބަލާއިރު މިބާވަތުގެ 482 މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައިވާއިރު 2019 ވަނަ އަހަރު ހުށަހަޅާފައިވަނީ 397 މައްސަލައެވެ.

މިއަހަރުގެ މިހާތަނަށް މަކަރާއި ހީލަތުގެ 18 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، މި މައްސަލަތަކުގެ ތެރޭގައި ގިނައީ އޮޅުވާލައިގެން މަކަރާއި ހީލަތުން ތަކެތި ސަޕްލައިކޮށްފައިވާ މައްސަލަތައް ކަމަށް ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ މަކަރާއި ހީލަތުގެ މިފަދަ މައްސަލަތަކަކީ އެކަންކަމުން ސަލާމަތްވެ ރައްކާތެރިވުމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދީ ހޭލުންތެރިވެ މަސައްކަތް ކޮށްފިނަމަ ހުއްޓުވިދާނެ ފަދަ މައްސަލަތަކެއް ކަމަށެވެ.

އެއްވެސް ކުންފުންޏެއްގެ ނަމުގައި ޕްރޮމޯޝަނެއް ހިންގާކަމަށް ބުނެ ފޯނުކޯލެއް އަތުވެއްޖެނަމަ އެންމެ ކުޑަމިނުން އެ ފޯންކޯލު އައި ނަންބަރުގެ ސައްހަކަން ދެނެގަތުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށާއި ޝައްކުވާފަދަ އެއްވެސް ކޯލެއް އަތުވެއްޖެނަމަ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަކީ ވެސް މުހިންމު ކަމެއް
ފުލުހުން

ހަމައެހެންމެ ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި ވަކި އަދަދަކުން ރީލޯޑްކޮށް ނުވަތަ ރާސްޓަސް ކޮށްދިނުމަށް ނުވަތަ އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަކަށް ނުވަތަ ކޭޝް ކާޑުުގެ މުހިންމު މައުލޫމާތުތައް ހިއްސާކޮށްދިނުމަށް އެއްވެސް ކުންފުންޏަކުން ނޭދޭނެކަން ހަނދާނުގައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަކިން ހާއްސަކޮށް ފައިސާގެ މުއާމަލާތެއް ކުރާނަމަ މުއާމަލާތުކުރާ ފަރާތުގެ ސައްހަ މައުލޫމާތު ހޯދައި ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތް ނުކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިފަދަ ފަރާތްތަކާ ފޯނުން މުއާމަލާތުކުރުމުގެ ބަދަލުގައި އެމީހަކާ ބައްދަލުކޮށް، ކާކުކަން ރަނގަޅަށް ބެލުމާއި ފައިސާ ޖަމާކުރަން ފޮނުވާ އެކައުންޓަކީ ރަނގަޅު އެކައުންޓު ނަންބަރުތޯ ޔަގީންކުރުމަކީ ވެސް މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށެވެ.

ހަމައެއާއެކު ވިޔަފާރިތަކުން ވެސް ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު ފައިސާ ޓްރާންސްފާ ކުރުމަށް ބުނެފައިވާ އެކައުންޓަށް ޖަމާކޮށް ސްލިޕް ފޮނުވި ނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފައިސާ ޖަމާވިކަން ޔަގީންކުރުމަަށްފަހު ނޫނީ މުދާ ޑެލިވަރީ ނުކުރުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.