ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ޑްރައިވިން ލައިސަންސަށް އެދި އަލަށް ހުށަހަޅާ ފަރާތްތަކަށް ހިދުމަތް ދިނުން މެދު ކަނޑާލައިފިއެވެ.

ޓްރާންސްޕޯޓުން ބުނީ، އެއްގަމު އުޅަނދު ދުއްވުމުގެ ޑްރައިވިން ލައިސަންސަށް އެދި އަލަށް ހުށަހަޅާ ފަރާތްތަކަށް ހިދުމަތް ދިނުން މެދު ކަނޑާލާފައި ވަނީ 7 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި މިއީ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޓްރާންސްޕޯޓުން ބުނީ، ހިދުމަތް މެދު ކަނޑާލީ ހަމައެކަނި އަލަށް ޑްރައިވިން ލައިސަންސަށް އެދޭ ފަރާތްތަކަށް ކަމަށެވެ. އަދި މިހާރު ޑްރައިވިން ލައިސަންސަށް ބޭނުންވާ ޕްރެކްޓިކަލް އަދި ތިއަރީ ޓެސްޓަށް އެދިފައިވާ ފަރާތްތަކުގެ ޓެސްޓުގެ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.

ހަމައެއާއެކު، ކުރިން ލައިސަންސް ނަގާ، މުއްދަތު ހަމަވެގެން ލައިސަންސް އާ ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ހިދުމަތް ލިބޭނެ ކަމަށް ޓްރާންސްޕޯޓް މިިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ބުނެފައި ވާއިރު، މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ޑްރައިވިން ލައިސަންސް ނެގުމަށް ޓެސްޓުގައި ބައިވެރިވެއެވެ. އަދި ޓެސްޓުގައި ބައިވެރިވުމަށްފަހު 2 ހަފްތާ ކިއުގައި މަޑުކުރަން ޖެހޭ ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޓްރާންސްޕޯޓުން ވެސް އެ މިނިސްޓްރީން ދެމުންދާ ބައެއް ހިދުމަތްތައް މެދުކަނޑާލާފައި ވާއިރު، މާލެ ސަހަރައްދުގައި ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިރޭ 8:30 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ އިރު، ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ވެސް ރައީސް އޮފީހުން ވަނީ އަންގާފައެވެ.