ޒަރޫރީ ބޭނުންތަކަށް ރަށްރަށަށް ދެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓާ އެކު ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިފަދަ ފިޔަވަޅެއް އަޅާފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައި ވާތީއެވެ.

އެގޮތުން ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރު ކުރުމުގެ 72 ގަޑިއިރު ކުރިން ހަދާފައި ވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮންނަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ކަރަންޓީން ނުވާގޮތަށް ރަށްރަށަށް ދެވެނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާ އެކު ކަމަށް އެންމެ ފުރަތަމަ ނިންމި ނަމަވެސް އޭގެ ފަހުން ނެރުނު ގައިޑްލައިންގައި އެކަން އޮތީ އުވާލާފައެވެ.

ކޮވިޑް ކޭސްތައް އިތުރުވުމުގެ ސަބަބުން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވާއިރު މާދަމާ ރެއިން ފެށިގެން ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވަން ވަނީ މަނާ ކޮށްފައެވެ. އަދި ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ކާފިއު ގަޑި ވަނީ އިތުރު ކޮށްފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ ޕްރީ ސްކޫލްތަކާއި ނާސަރީތަކާއި ޑޭކެއާ ހިދުމަތް ބަންދު ކުރަން ނިންމާފައެވެ. އަދި ޔުނިވާސިޓީ އާއި ކޮލެޖް ފަދަ ތަންތަނުގެ ކިޔަވައި ދިނުން ކުރިއަށް އޮތް 2 ހަފްތާގައި އޮންލައިކޮށް ކުރިއަށް ގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ހަމައެހެންމެ މާދަމާ އިން ފެށިގެން ޕާކުތަކާއި މައިދާން ތަކަށް މީހުން ޒިޔާރަތް ކުރުން ކުރިޔަށް އޮތް ދެ ހަފްތާ އަށް ހުއްޓާލުމަށް އެޗްޕީއޭ އިން ވަނި އަންގާފައެވެ.

ޕާކުތައް ބަންދު ކުރި ނަމަވެސް ކަސްރަތު ކުރުމަށް ކަނޑައަޅާފައި ވާ ޕާކުތަކާއި މައިޒާންތައް، އެކަނި ކަސްރަތު ކުރާ ފަރާތްތަކަށް ބޭނުން ކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ވަނީ އެކަނި ކުރާ ކަސްރަތު ފިޔަަވައި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުތައް ކުރިއަށް އޮތް ދެ ހަފްތާއަށް ހުއްޓާލުމަށް ވެސް އަންގާފައެވެ.