ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން އަނެއްކާވެސް ގޭގައި މަސައްކަތް ކުރާގޮތަށް ހަދައިފިއެވެ.
ރައީސް އޮފީހުން މިފަދަ ފިޔަވަޅެއް އަޅާފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައި ވާތީއެވެ.
އެގޮތުން ކޮންމެހެން ކުރަން ޖެހޭ މަަސައްކަތްތައް ކުރުމަށް ކޮންމެހެން މުވައްޒަފުން ނެރެން ޖެހިއްޖެ ނަމަ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް އަމަލު ކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އަންގާފައެވެ.
މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހާވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށް ވެސް ވަނީ އަންގާފައެވެ.
އޭގެ އިތުރުން އޮފީސްތަކާއި ކުންފުނީތަކުގައި މަސައްކަތް ކުރާ ހައިރިސްކު މީހުން ގޭގައި ތިބެގެން މަސައްކަތް ކުރުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ކޮވިޑް ކޭސްތައް އިތުރުވުމުގެ ސަބަބުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވާއިރު މާދަމާ ރެއިން ފެށިގެން ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވަން ވަނީ މަނާ ކޮށްފައެވެ. އަދި ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ކާފިއު ގަޑި ވަނީ އިތުރު ކޮށްފައެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ވަނީ ޕްރީ ސްކޫލްތަކާއި ނާސަރީތަކާއި ޑޭކެއާ ހިދުމަތް ބަންދުކުރަން ނިންމާފައެވެ. އަދި ޔުނިވާސިޓީއާއި ކޮލެޖް ފަދަ ތަންތަނުގެ ކިޔަވައިދިނުން ކުރިއަށް އޮތް 2 ހަފްތާގައި އޮންލައިކޮށް ކުރިއަށް ގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.
ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުން ދާއިރު އިއްޔެ އެކަނިވެސް 200 އަށްވުރެ ގިނަ މީހުން ކޮވިޑަަށް ޕޮޒިޓިވް ވެފައި ވެއެވެ.