ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީން ބުނީ މާދަމާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ޖަހަން ނިންމާފައިވާ ކަމަށާއި މިހާރު ދަނީ އެކަމަށް ތައްޔާރު ވަމުން ކަމަށެވެ.

އެގޮތުން މާދަމާ ވެކްސިން ޖަހާނީ، ވެކްސިން ޖެހުމަށް ތައްޔާރުވެފައިވާ ހޮސްޕިޓަލްތަކުގައި ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ. ނަމަވެސް ވެކްސިން ޖެހުމަށް މިހާތަނަށް ތައްޔާރުވެފައި ވަނީ ކޮން ހޮސްޕިޓަލްތަކެއްގައި ކަމުގެ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށްވެސް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

މާދަމާ ހުރިހާ ތަނެއްގަ ޖަހަން ރެޑީ ވާން، އެ ކޮންފޮމޭޝަން އޮތީ އެކަމަކު މާދަމާ ޖަހާނީ ޖެހުމުގެ ހުރިހާ ރެޑިމެންޓްސް އެއް ވީ ތަންތަން، އަދި އެ ތަންތަން ކޮންފޯމް އެއް ނުވޭ
އެޗްއީއޯސީ

އިއްޔެ ވެކްސިން ޖަހަން ފަށާފައިވާއިރު، ވެކްސިން މިހާރު ޖަހަނީ މާލެ އާއި ހދ. ކުޅުދުއްފުއްޓާއި އައްޑޫގައެވެ.

ރާއްޖޭގައި އިއްޔެ ދޭން ދޭން ފެށީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން ތައްޔާރު ކޮށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ ވެސް ޓްރަޔަލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ވެކްސިނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ވެސް އަންނަނީ ދެމުންނެވެ.

ރާއްޖެއިން އޯޑަރުކުރި 7 ލައްކަ ޑޯޒް އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން އަންނަ މަހު ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) އިއްޔެ ވަނީ ވިދާޅުވެފައެވެ. އެ ވެކްސިން ލިބޭނީ އަންނަ މާޗް މަހު ކަމަށާއި، ކޮވެކްސް ފެސިލިޓީން އާބާދީގެ 20 ޕަސަންޓަށް ދޭ ވެކްސިން މިމަހު 14، 15 ހިސާބުގައި ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.