ކޮވިޑް ފެތުރޭ ކަމަށް ބެލެވޭތީ މޮނިޓަރިންގެ ހާލަަތަށް ބަދަލު ކޮށްފައިވާ ގއ. ދެއްވަދޫ ކްލަސްޓާއާ ގުޅުން ހުރި ކޭސްތަކުގެ އަދަދު 85 އަށް އަރައިފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާލުވީ، ދެއްވަދޫ ކްލަސްޓާއިން މި މަހުގެ 27، 28 އަދި 29 ވަނަ ދުވަހު ވެސް ކޭސްތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އެއިން ކޮންމެ ދުވަހަކު ވެސް އެއް ކޭސް ފެނިފަިއވާ ކަަމަށާއި މިހާރު އެ ކްލަސްޓާގެ ޖުމްލަ އަދަދު 85 އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގއ. ދެއްވަދޫގައި ކޮވިޑް ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އައި އިރު ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެ އަތޮޅު ވިލިނގިލި އައި ދާންދޫ އާއި ލ. ފޮނަދޫ އަދި ހުޅުމާލެއިން ވަނީ ކޭސްތަކެއް ފެނިފައެވެ.

ދެއްވަދޫން ފުރަތަމަ ކޭސް ފެނިފައި ވަނީ މިދިޔަ ޑިސެންބަރު ގައި އެ ރަށުގައި ފުރަބަންދުގައި ހުރި މީހަކަށް މައުލޫމާތު ނުބައިކޮށް ދެވި އޭނާ ކަރަންޓީނުން ދޫކޮށްލި ފަހުން ނަތީޖާ ޕޮޒިޓިވް ވި ކަން އެނގުމުން ކަމަށް ކުރިން އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ޕޮޒިޓިވް ކަން ބަލި މީހާއަށް އެނގުނު އިރު އޭނާ ވަނީ ގެއިން ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވެފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގެ ތެރޭގައި ދެއްވަދޫ ހިމެނެއެވެ. މީގެ އިތުރުން އއ. މަތިވެރި އާއި ހއ. މުރައިދޫ އާއި މ. ކޮޅުފުށި ހިމެނެއެވެ.