ހެންވޭރުގައި ހުންނަ ކިންގް ސަލްމާން މިސްކިތް ކައިރީ އޮންނަ ދަނޑު ސަރަހައްދުގައި މާރާމާރީ އެއް ހިންގައިފިއެވެ.
ފުލުހުން ބުނީ މިރޭ 07:35 ހާއިރު ކިންގް ސަލްމާން މިސްކިތް ކައިރީ އޮންނަ ދަނޑު ސަރަހައްދުގައި މާރާމާރީ އެއް ހިނގިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީގައި އަނިޔާ ލިބުނީ ކިތައް މީހުންނަށް ކަމެއް އަދި ސާފެއް ނުވެއެވެ.
މި މާރާމާރީގެ އިތުރުން މިރޭ މާފަންނު އަސަރީ ގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށލާފައި ވެއެވެ. އެ ހާދިސާގައި ޒަހަމްވި މީހާގެ ބޮލަށާއި ކަރަށް ވަނީ ހަމަލާ އަމާޒު ވެފައެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި އެ ހަމަލާ ދީފައި ވަނީ ހައެއްކަ ސައިކަލުގައި ދިޔަ 12 ވަރަކަށް މީހުންނެވެ. އެމީހުން ހަމަލާ ދިނީ މަރުތޭލާއި ވަޅިން ކަމަށް ވެސް އެސަރަހައްދުގައި އެވަގުތު އުޅުނު ބައެއް މީހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މިރޭ 9:15 ހާއިރު އަސަރީ ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް މައުލުމާތު ލިބިފައިވާ ކަަމަށެވެ. މި މާރާމާރީގައި އަނިޔާ ވެފައި ވަނީ އުމުރުން 36 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެމީހާ ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.
މި ހަމަލާއަށް ފަހު ހަމަލާ ދިން މީހުން ފިލާފައި ވާއިރު ފުލުހުން އެސަރަހައްދަށް ގޮސް އެތާ އެއްވެ ތިބި އާންމުންނާ ވަނީ ސުވާލު ކޮށް ހަދާފައެވެ.
މާލޭގައި ދޭތެރެ ދޭތރެއިން އަންނަނީ މާރާމާރީ ހިންގަމުންނެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވެއެވެެ.
މިހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް ވަނީ އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދީފައެވެ.
އޭގެ އިތުރުން މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ވެސް މާލޭގައި ވަނީ ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު ޒަހަމް ކޮށްލިއެވެ. އޮކްޓޯބަރު މަހު ހިނގި އެ ހާދިސާގައި އަނިޔާ ލިބިފައި ވަނީ ވިޔަފާރި ވެރިއަކަށެވެ. އަދި އޭނާއަށް ހަމަލާދީފައި ވަނީ އާއިލީ ކުއްޖެއް ކަމަށާއި، އެއީ އާއިލީ ހަމަ ނުޖެހުމެއް ކަމަށް މައުލޫމާތު ލިބެއެވެ.