ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ދުވަހުން ދުވަހުން އިތުރުވަމުންދާތީ ސިއްހީ ހިދުމަތްދޭ ތަން ތަނަށް ނުކަތާވަރު ވެދާނެތީ ރައްކާތެތިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ 2021 ފެށުނީއްސުރެ ކޮވިޑް-19 ކޭސްތަކުގެ އަދަދު ހުރީ ދުވާލަކު 50 އަށްވުރެ މަތީގައި ކަމަށާއި ވޭތުވެދިޔަ ހަފްތާގައި ކޭސްތަކުގެ އަދަދު 100 އަށް އަރާފައިވާ ކަމަށެވެ.
މިގޮތަށް ކޭސްތައް އިތުރުވާނަމަ ސިއްހީ ހިދުމަތްދޭ ތަން ތަނަށް ނުކަތާވަރު ވެދާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ކޮވިޑް-19 އަދި އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ބުރޫ އަރާނެ ކަމަށެވެ.
އެހެން ކަމުން އަބަދު ވެސް ރައްކާތެތިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއިން އިއްޔެ ކޮވިޑަށް 122 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 90 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 4 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 25 މީހެއްގެ އިތުރުން ރާއްޖއިން ބޭރުގައި ދިރިއުޅޭ 3 މީހެކެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 15،736 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،096 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1582 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 152 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ކޭސްތައް އިތުރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމުގެ ގޮތުން މި މަހުގެ 27 ފެށިގެން ވަނީ މާލޭ ސަރަހައްދުގައި ކާފިއު އަނެއްކާވެސް އިއުލާންކޮށްފައެވެ.
އެ ގޮތުން ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު ވަގުތު ގޮތުގައި ވަނީ އިއުލާންކޮށްފައެވެ. ހަމައެއާއެކު ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ފަތުރުވެރިން ފިޔަވާ އަންނަ ބިދޭސީންނާއި ދިވެހިން ވެސް މިހާރު ވަނީ ކަރަންޓީން ވާން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.