އެމްއެންޑީއެފާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ރާވާފައިވާ، ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖެއަށް ކުރާ މިސާވޭ ދަތުރުގައި، މިއަދުން ފެށިގެން އަންނަ މާޗް 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރި ވާނެއެވެ. ރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކައި ކުރަން ރާވާފައިވާ މި މަސައްކަތަކީ، ކަމާ ގުޅުންހުރި ރާއްޖޭގެ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުމާ އެކު މި މުއްދަތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ ސާވޭ އެކެވެ.

މިކަމާ ގުޅިގެން މިއަދު އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ހައިޑްރޮގްރެފިކް ސާވޭއަކީ 2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާއި ގުޅިގެން ރާއްޖޭގައި ކުރަމުންދާ ސާވޭއެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ނިޔަމި ކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓް ކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރާ ސާވޭ އެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ މިފަދަ ސާވޭއެއްގެ އަލީގައި، ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާ ކަމަށް ވާ ފަރަށް އެރުން ފަދަ ހާދިސާތައް މަދުކުރެވޭނެ ކަމަށެވެ. އަދި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކޮށް، އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށެވެ. މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒް ކުރުމާއި، އިގްތިސޯދު ފުޅާ ކުރުމަށް ބޭނުންވާ މައުލޫމާތު ލިބޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާ ކުރުމަށް ބޭނުން ވާނެ މައުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މައުލޫމާތު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސާވޭ ކުރުމަށް ހަމަޖެހިފައި ވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެން ދިއުމަށް ހަމަޖެހިފައި ވަނީ ހދ. އަތޮޅުން ފެށިގެން ށ.އަތޮޅާ ހަމައަށެވެ. މި ސާވޭގައި ހދ. ކުޅުދުއްފުށި އިންޓަނޭޝަނަލް ސީޕޯޓްގެ ލާޖް ސްކޭލް އެޕްރޯލް ޗާޓު ވެސް ހިމެނިގެން ދާނެއެވެ.

ރާއްޖޭގެ އިންޓަނޭޝަނަލް ޕޯޓްތައް ހުރި ސަރަހައްދުތަކުގެ ތެރޭގައި ލާޖް ސްކޭލް ޗާޓް ޕަބްލިޝް ކޮށްފައި ވަނީ މާލޭގެ ސަރަހައްދުގެ އިތުރުން އައްޑު އަތޮޅާއި އިހަވަންދިޕޮޅުގައެވެ.