ހެޔޮ ގޮތުގައި ގައުމެއް ހިންގުމަށް އެންމެ މުހިންމު އެއް މުއައްސަސާއަކީ އިންޒިޒާމްވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ނުވަތަ ސިޔާސީ ޕާޓީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ދާތީ އެކަމާ ގުޅިގެން އެ ޕާޓީގެ މެންބަރުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ނަޝީދު ވިދާޅުވީ ހެޔޮ ގޮތުގައި ގައުމެއް ހިންގަން އެންމެ މުހިންމު އެއް މުއައްސަސާއަކީ ސިޔާސީ ޕާޓީ ކަމަށެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު ކުރިއަށް ދަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.

ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ހޯމް މިނިސްޓަރު އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރެވެ. އިމްރާންގެ ރަނިން މޭޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ޝަރީފެވެ. އަދި ޑރ. ޒާހިރުގެ ރަނިން މޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ނަޝީދެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު، ޖެނުއަރީ 27، 2021 ވާ ބުދަ ދުވަހުގެ 02:00 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓާ ކޮށްފައިވާ ޕާޓީގެ ކޮންމެ މެންބަރަކަށް ލިބިގެންވެއެވެ.