ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.

އޭޑީކޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުގެ ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވަމުން ދާތީ ކަމަށެވެ. އެގޮތުން، ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީން ގައި ބައިތިއްބަން ޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އެގޮތުން މިއަދުން ފެށިގެން އޭޑީކޭ ހޮސްޕިޓަލުން ދެމުން ދާ ހިދުމަތްތަކުގެ ތެރެއިން ބައެއް ހިދުމަތްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެއީ:

  • ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަން ތައް އޮންލައިނަށް ބަދަލުކުރުން
  • އިލެކްޓިވް ސާޖަރީތައް މިވަގުތަށް މެދުކަނޑާލުން
  • ބަލިމީހުން އެޑްމިޓް ކުރުން މިވަގުތަށް މެދުކަނޑާލުން
  • އެޑްމިޓް ކޮށްފައިވާ ބަލި މީހުންނަން ޒިޔާރަތް ކުރުން ހުއްޓާލުން މިއެވެ.

އޭޑީކޭން ބުނީ، މި ބަދަލުތަކާއެކު ވެސް އެ ހޮސްޕިޓަލުގެ އެމަޖެންސީގެ ހިދުމަތްތަކާ، އެމަޖެންސީގައި އެޑްމިޓް ކޮށްގެން ދޭން ޖެހޭ ހިދުމަތްތަކާއި، ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިއަށް ދާނެ ކަމަށެވެ.

ހަމައެއާއެކު އެ ހޮސްޕިޓަލުގެ އިލްތިމާސަކީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ލިބުން ކަމަށެވެ. އެގޮތުން، ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމާއި، ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަނި ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންދިއުމަށް އެ ހޮސްޕިޓަލުން އެދެއެވެ. އަދި ހިދުމަތް ހޯދަން ދާ ހާލަތްތަކުގައި ރަނގަޅު ގޮތުގައި މާސްކު އަޅައި، ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަށް ވެސް އެ ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.