މިއަދު ކުރިއަށްދާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި، އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް ވޯޓުލުން މުހިންމު ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ މިއަދު ކުރިއަށްދާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި، އޭނާ ވޯޓު ލައްވައިފި ކަމަށެވެ. އަދި މި އިންތިހާބުގައި އަދާލަތު ޕަޓީގެ ހުރިހާ މެންބަރުން ބައިވެރިވެ، ކުރިއަށް އޮތް 5 އަހަރަށް ޕާޓީ ހިންގުމުގެ ޒިންމާ ހަވާލު ކުރާނެ މީހަކު ކަނޑައެޅުމުގައި ބައިވެރިވެ ވޯޓުލުމަކީ މުހިންމު ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު ކުރިއަށް ދަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.

ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ހޯމް މިނިސްޓަރު އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރެވެ. އިމްރާންގެ ރަނިން މޭޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ޝަރީފެވެ. އަދި ޑރ. ޒާހިރުގެ ރަނިން މޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ނަޝީދެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު، ޖެނުއަރީ 27، 2021 ވާ ބުދަ ދުވަހުގެ 02:00 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓާ ކޮށްފައިވާ ޕާޓީގެ ކޮންމެ މެންބަރަކަށް ލިބޭނެއެވެ.