އިދިކޮޅު ސިޔާސީ ދެ ޕާޓީ އެކުވެގެން މިއަދު ކުރިއަށް ގެންދާ މުޒަހާރާއިން ހައްޔަރު ކުރި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ދޫކޮށްލައިފިއެވެ.
ތޯރިގް ދޫކޮށްލާފައިވާ އިރު އިތުރު ބަޔަކު ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއަދު މުޒާހަރާއިން ތޯރިގްގެ އިތުރުން ކުރީގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ހައްޔަރު ކުރި ކަމަށެވެ. މީގެ އިތުރުން ވެސް މުޒާހަރާއިން 11 މެންބަރަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ. އޭގެތެރޭގާއި ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލް އަދި ސްޓީރިއަން ކޮމިޓީގެ މެންބަރުންވެސް ހިމެނޭ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ.
ހަމައެއާއެކު މުޒާހަރާގެ ތެރެއިން އެކަކަށް އަނިޔާ ކުރުމުގެ ސަބަބުން އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެމީހާ ވަނީ ހޭނެތިފައި ކަމަށް ޕީޕީއެމުން ބުނެއެވެ. ނަމަވެސް ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދެމުން ދަނީ ކާކަށް ކަން ޕީޕީއެމުން ހާމައެއް ނުކުރެއެވެ.
މިއަދު ކުރިއަށް ގެންދާ މުޒަހާރާ އަކީ ހުކުރު ދުވަހާ ދިމާކޮށް އިދިކޮޅުން މުޅި ރާއްޖޭގައި ބާއްވަން ބުނި މުޒާހަރާއެވެ. "އިންސާފު ކޮބާ؟" ގެ ނަމުގައި ކުރި އަށް ގެންދާ މި މުޒާހަރާ ޕީޕީއެމް އޮފީސް ކުރި މަތިން މިއަދު ހަވީރު 04:00 ގައި ފަށާފައި ވާއިރު މާލެ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން ހިނގަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ.
އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މިއަދު މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރި އިރު ހަވީރުގެ ވަގުތު އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައެވެ. އެގޮތުން ޗެނަލް 13 ގެ ނޫސްވެރިންގެ ގަޔަށް ވެސް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަަމަށް އެ ޗެނަލް އިން ބުނެއެވެ.
މި މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ޕީޕީއެމްގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.