ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާއި ގަވައިދާ ހިލާފު އަމަލެއް ހިންގާނަމަ އެކަން އަވަހަށް ޝަކުވާގެ ގޮތުގައި ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ، އަންނަ އޭޕްރިލް 10 ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން ދާއިރު، އެ އިންތިހާބާ ގުޅިގެން ހަދާފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވަތަ އެ އިންތިހާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ ހުށަހަޅަން ވާނީ އެކަމަށް ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" އިން ކަމަށެވެ.

އެގޮތުން އިންތިހާބާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ އެ ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށެވެ. ހަމައެއާއެކު ޝަކުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޯމު އެ ކޮމިޝަންގެ ވެބްސައިޓް އިން ލިބޭނެ ކަމަށް ވެސް އީސީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފެށެން ދެ މަސް ދުވަހަށް ކުޑަތަން ވެފައިވާ އިރު މިހާރު އިންތިހާގައި ވާދަކުރާ ސިވިލް މުވައްޒަފުން މިއަދުން ފެށިގެން ވަނީ ސަސްޕެންޑް ކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު މަސައްކަތްތައް ފަށާފައެވެ. އެގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރެޖިސްޓްރީ ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންވެ ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެކަން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.