"އިންސާފު ކޮބާ؟" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މުޅި ރާއްޖޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލް ހައްޔަރު ކޮށްފިއެވެ.
މި މުޒާހަރާ ޕީޕީއެމް އޮފީސް ކުރި މަތިން މިއަދު ހަވީރު 04:00 ގައި ފަށަފައިވާއިރު މާލެ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން ހިންގަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ. އެ ގޮތުން މިހާރު މުޒާހަރާގެ ބައިވެރިން ތިބީ އަބަދަށްފެހި މަގުގައެވެ. އެ މަގުން މަޖީދީ މަގަށް ނުނިކުމެވޭނެ ގޮތަށް އެސްއޯ ފުލުހުން ވަނީ ބެރިކޭޑް ޖަހާ މަގު ބަންދުކޮށްފައެވެ.
ހަމައެއާއެކު މަޖީދިއްޔާ ސްކޫލާ ދިމާއަށް ނުދެވޭނެ ހެން ވެސް ފުލުހުން ވަނީ އެ މަގުގެ މެދެއްހާ ހިސާބުން ބަންދުކޮށްފައެވެ. އެހެންކަމުން އެ މަގުގައި މުޒާހަރާގެ ބައިވެރިން ތިބީ މިވަގުތު ތާށިވެފައެވެ. އބަދަށްފެހި މަގުގައި މުޒަހާރާގެ ބައިވެރިން ތާށިވެފައި ތިބެން ޖެހުމާ އެކު ބައިވެރިން ދަނީ އެމީހުން އެތިބީ ހައޖެކް ކޮށްފައި ކަމަށެވެ. މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރި އިރު އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައެވެ. އެގޮތުން ޗެނަލް 13 ގެ ނޫސްވެރިންގެ ގަޔަށް ވެސް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަަމަށް އެ ޗެނަލް އިން ބުނެއެވެ.
މި މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ޕީޕީއެމްގެ ނައިބް ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ކުރިމިނަލް ކޯޓުން ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެން އިދިކޮޅު ސިޔާސީ ދެ ޕާޓީ އެކުވެގެން ދަނީ ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރަމުންނެވެ. އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ، މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަން ކަށަވަރު ކޮށްދީފި ކަމަށާއި އިންސާފު ގާއިމް ކޮށްދެވޭނެ ސަރުކާރެއް ނޫންކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް އިންސާފު ހޯދުމަށް މުޒަހާރާތައް މާލޭގައި ބާއްވާނެ ކަމަށާއި ޔާމީންގެ ސަޕޯޓަރުންގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށެވެ.