މާލޭގައި މީހަކަށް ވަޅިން ހަަމަލާދީ މާރާމާރި ހިންގި މީހަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި މައްސަަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މ. އެވަފްރީ، ޒުލްމަހާސިން މުހައްމަދު ގެ މައްޗަށެވެ. އަދި އޭނާ ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑު އެހުމުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އައުތިރާފް ވެފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ޒުލްމަހާސިންގެ މައްޗަށް އުފުލާފައި ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރި ހިންގުމުގެ ދައުވާއެވެ. އެނާ މާރާމަރި ހިންގާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު މާލޭގެ މ. އަސަލް އާއި މ. އެވަފްރީ ދެގެ މެދެދުގައިވާ ހަނި ގޯޅި ތެރޭގައެވެ. ޒުލްމަހާސިން ހަމަލާ ދީފައި ވަނީ އެ ގޯޅިތެރޭގައި އެވަގުތު ހުރި މ. އަސަލް، އަހުމަދު ޝަމާލަށެވެ. 5 އިންޗީގެ ވަޅިއަކުން ޝަމާލްގެ ކަަރަށް ހަމަލާ ދީފައިވާ އިރު އެކަން އޭނާގެ މެޑިކަލް ލީގަލް ރިޕޯޓުން އެނގެން އޮތް ކަމަށް ޕީޖީން ބުނެއެވެ.
އެގޮތުން މި ދައުވާ އާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއި އަޑުއެހުމުގައި ޒުލްމަހާސިން ބުނެފައި ވަނީ ދައުވާއައިގެން ކުރިއަށް ދާން ބޭނުންވަނީ އަމިއްލައަށް ކަމަށާއި ދައުވާ ސާފުވެއްޖެ ކަމަށާއި އަދި ދައުވާއަށް އިއުތިރާފްވާ ކަމަށެވެ.
ކްރުމިނަލް ކޯޓުން ބުނެފައި ވަނީ މި މައްސަލައިގައި ޒުލްމަހާސީން ދައުވާއަށް އިއުތިރާފްވެފައި ވާތީ، އިއުތިރާފުން ޝަރިއަތަށް ސާބިތުވާ މައްސަަލައެއްކަން އެނގެން އޮތް ކަަމަށެވެ. މި ކުށަށް ގާނޫނުގައި ކަނޑައަޅާފައިވަ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމުގައި ވީ ނަމަވެސް ދައުވާ ލިބޭ ފަރާތާއެކު ޕީޖީން ވެފައިވާ އެއްބަސްވުމާ ގުޅިގެން ދައުވާއަށް އިއުތިރާފްވުމުން އޭނާގެ މައްޗަށް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.