އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން ވީ އެންމެ އަވަހަކަށް ޖައްސަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ހުންނެވީ މިހާރު ރާއްޖެއަށް ލިބިފައި ހުރި ކޮވިޑް އަސްޓްރާޒެނެކާ ވެކްސިން ޖައްސަވަން ބޭނުންފުޅުވެ ވަޑައިގެންފައި ކަމަށެވެ. އަދި އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް ވެކްސިން ލިބި، އެމަނިކުފާނުގެ ފަރާތުން އެއްވެސް މީހަކަށް ބަލި ނުޖެހި، ރައްކާތެރިވެ އެންމެން މިކަމުން ސަލާމަތްވުން ކަމަށެވެ.

ރާއްޖެއަށް ކޮވިޑް ވެކްސިން ހޯދުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާގައި ވަނީ އިންޑިއާއިން 1 ލައްކަ ޑޯޒްގެ ވެކްސިން ހޯދާފައެވެ. ރާއްޖެއަށް ގެނެސްފައި ވަނީ އޮކްސްފޯޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސް ދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އެ 1 ލައްކަ ޑޯޒްގެ ވެކްސިނުން ޖެހޭނީ 50،000 މީހުންނަށް ކަމަށް އެޗްއީއޯސީން ބުނަނީ މީހަކަށް 2 ޑޯޒް ދޭން ޖެހޭނެތީއެވެ.

ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖެހުމުގެ 4-12 ހަފްތާ ފަހުންނެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުން، އަދި ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތަށް ކުރަން ޖެހެއެވެ. މި ވެކްސިން ގުދަން ކުރާއިރު ފިނިހޫނުމިން ހުންނަން ވާނީ 2-8 ސެންޓިގްރޭޑާ ދެމެދުގައެވެ.

އެޗްއީއޯސީން މައުލޫމާތު ދޭ ގޮތުގައި، މި ވެކްސިން ރައްޔިތުންނަށް ދޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށް ފަހު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ލިބުމުންނެވެ. މި ވެކްސިން ޖެހުމުން، ހުން އައުން، ވެކްސިން ޖެހި ތަނަށް ތަދުވުން، އަދި އެލާޖީ އެއް ވެދާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ. އެ ސެންޓަރުން ބުނީ ވެކްސިން ޖެހުމުން ދިމާވެދާނެ ސައިޑް އިފެކްޓަކަށް ނުވަތަ އެލާޖީއަށް އެ ސެންޓަރުން ތައްޔާރުވެފައި ވާހަކަމަށެވެ.

މީގެ އިތުރުން ވެސް، ރާއްޖެއިން އެސްޓްރާޒެނެކާ އާ އެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން 7 ލައްކަ ޑޯޒްގެ ވެކްސިން ގެންނަން ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެ ބައިވެރިވާ ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 ޕަސަންޓަށް ވެކްސިން ލިބުމަށް ވަނީ ހަމަޖެހިފައެވެ.