ފުލުހުންގެ ހައްޔަރުގައި ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު (ޝުޖާ) ޑޮކްޓަރަށް ދައްކަން ފުލުހުންގެ ކްލިނިކް ކަމަށްވާ ޕޮލިސް ނޫސަންދައަށް ގެންގޮސްފިއެވެ.

އަދުރޭ އާއި ޝުޖާ ކްލިނިކަށް ގެންގޮސްފައި ވަނީ މިއަދު 12:00 ހާއިރު، ފުލުހުންގެ ވެހިކަލްގައެވެ. އެ ދެ ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިދިކޮޅު ކޯލިޝަނުން ހެލްތު މިނިސްޓްރީ ކުރިމަތީގައި އިއްޔެ މެންދުރު ކުރި މުޒާހަރާ ތެރެއިން ހައްޔަރު ކޮށްގެންނެވެ.

ހެލްތް މިނިސްޓްރީ ކުރިމަތީ ކުރި މުޒާހަރާގެ ތެރެއިން އަދުރޭއާއި ޝުޖާ ހައްޔަރު ކުރުމަށް ފަހު ރޭ ވަނީ އެ ދެ ބޭފުޅުން ދޫނިދުއަށް ގެންގޮސްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގޮވާލައި މިމަހު 24 ގައި ބޭއްވި މުޒާހަރާ ތެރެއިން ވެސް އަދުރޭ އާއި ޝުޖާ ހައްޔަރު ކުރިއެވެ. ނަމަވެސް އެރޭ އެ 2 ބޭފުޅުން ދޫކޮށްލިއެވެ.

އިދިކޮޅުން ސަރުކާރާ ދެކޮޅަށް ސީދާ ހަރަކާތައް ނުކުންނަން ގަރާރެއް ފާސްކޮށްފައި ވާއިރު، ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި މާލޭގައި އެކިވަގުތުތަކުގައި އިދިކޮޅުން ވަނީ މުޒާހަރާ ކޮށްފައެވެ.

އޭގެ އިތުރުން އަންނަ ހުކުރު ދުވަހު "އިންސާފު ކޮބާ"ގެ ނަމުގައި މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށްވެސް އެ ކޯލިޝަނުން ވަނީ ނިންމާފައެވެ.