މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީ އާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކަށް ދަންކަންޖެހޭ ފައިސާ ނުދައްކާ މައްސަލަތައް ގިނަވަމުން ދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅަމުން ދިއުމާއި ގުޅިގެން ފުލުހުން ވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގައި، މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ބަލައި ފާސް ކޮށްފައެވެ. މި އޮޕަރޭޝަނުގައި ބަލައިފާސް ކުރި ތަންތަނުން، ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅުން ހުރި ގިނަ ހެކިތަކެއް ވަނީ ހޯދާފައެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މައުލޫމާތު ދޭގޮތުގައި މަކަރާއި ހީލަތުން ރާއްޖެއަށް ތަކުރާރުކޮށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ހުށަހަޅާފައި ވާއިރު، މިމަހު މިފަދަ އެއް މައްސަލަ ހުށަހަޅާފައި ވެއެވެ. އަދި މިގޮތަށް އެތެރެކުރާ ތަރުކާރީއާއި މޭވާ ރާއްޖޭގެ ބާޒާރުގެ އަގަށްވުރެ އާދަޔާ ހިލާފަށް ހެޔޮ އަގަށް ވިއްކަމުން ދާ ކަމަށް ފުލުހުން ބުނެއެވެެ.

މިކަމަކީ ދިވެހި ވިޔަފާރަވެރިންގެ އިތުރުން ގައުމުގެ އިގުތިސޯދަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުން ދާނެ ކަމެކެވެ. އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވެފައި މަދު ބައެއްގެ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން ވިޔަފާރިވެރިންގެ އިތުބާރު ބޭރު ގައުމުތަކުގައި ގެއްލޭނެ ކަމެއް ކަމަށެވެ.

އެހެންކަމުން، މިފަދަ އަމަލުތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަތުން ނުއަގުގައި މުދާ ނުގަތުމަށާއި މިކަން ކަމަށް ހިތްވަރު ނުދިނުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ. އަދި މިފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ އެކަމުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފުލުހުންނަށް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.