ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނު ކުރަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި އިއުލާނެއްގައި ބުނީ މިމަހު ނުވަ ވަނަ ދުވަހުން ފެށިގެން، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވުވާ ގުޅިގެން އެޗްޕީއޭއިން އިތުރު ފިޔަވަޅުތައް ރޭ އަޅާފައިވާއިރު މިއަދުން ފެށިގެން ދަންވަރު 12:00 އިން ފަތިހު 04:00 އަށް، މާލެއާއި، ހުޅުމާލާ އަދި ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށް މާލޭ ސަރަހައްދުގައި ކާފިއު ވެސް ވަނީ އިއުލާނު ކޮށްފައެވެ.

އެޗްޕީއޭއިން ވަނީ މިހާރުން ފެށިގެން މާލޭ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވެސް އަންގާފައެވެ.

ކޮވިޑާ ދެކޮޅަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ އިއްޔެ ރާއްޖޭއިން 145 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ. އިއްޔެ މާލެއިން 93 މީހުން ބައްޔަށް ޕޮޒިޓިވްވި އިރު މީހުން ދިރިއުޅޭ ރަށްތަކުން 14 މީހުން، ހިންގަމުންދާ ރިސޯޓްތަކުން 36 މީހުން އަދި ލިވަބޯޑް ތަކުން ދެ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އިއްޔެއަކީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސްވެސް މެއެވެ. މިއާއާއެކު ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 15،247 އަށް އަރާފައިވާ އިރު މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 1،273 އަށް އުފުލިފައެވެ.