ޖެންޑާ މިނިސްޓްރީގެ ދަށުން ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ކޮއްތު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް ނަގުދު ފައިސާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ނަގާފައިވާ އިރު އެ ފައިސާ ބޭނުން ކުރި ގޮތުގެ ހިސާބު ރަނގަށް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މިއަދު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު 2019 ވަނަ އަހަރުގެ ޖެންޑާ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެ އަހަރު ކުޑަކުދިންގެ ހިޔާ އިން ކޮއްތު ތައްޔާރު ކުރުމަށް 1،361،403 ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ނަގައިގެން ހަރަދުކޮށްފައިވާ ކަން ޕަބްލިކް އެކައުންޓިން ސިސްޓަމުގެ ރެކޯޑުތަކުން ދައްކައެވެ. އަދި އެ ފައިސާއިން ކޮށްފައިވާ ހަރަދުތަކުގެ ބިލްތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާތީ އެ ހަރަދުތަކުގެ ސައްހަކަން ކަށަވަރު ކުރެވެން ނެތްކަމަށް އޮޑީތު ރިޕޯޓުގައި ބުނެއެވެ.

ކުޑަކުދިންގެ ހިޔާގެ ކޮއްތު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް ކޮންމެ ކުއްޖަކަށް ދުވާލަކަށް 75 ރުފިޔާގެ ރޭޓުން މަހަކަށް ވާ ވަރަށް ނަގުދު ފައިސާ އެއްފަހަރާ ނަގައިގެން ދަނީ ހަރަދު ކުރަމުންނެވެ. ފައިސާ ދޫކުރާ އިރު ފޮތެއްގައި ދޫކުރާ ފައިސާގެ ތަފްސީލާއި އަދަދު ލިޔެމުން ގެންދިޔަ ނަމަވެސް ފައިސާ ދޫކުރުމަށްފަހު އެ ފައިސާއިން ގަންނަ ތަކެތީގެ ބިލްތައް ބަރާބަރަށް ހޯދައި އެ ބިލުތަކުގެ ޖުމްލަ، ދޫކުރި ފައިސާގެ ޖުމްލައާ އަޅާ ކިޔައި ދިމާ ވޭތޯ ބަލަފައި ނުވާ ކަަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. އެގޮތުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަދި އޭޕްރިލް މަހުގެ ކޮއްތު ފައިސާއަށް ދޫކޮށްފަިއވާ ނަގުދު ފައިސާއަށް ހަރަދުކޮށްފަިއވާ ބިލްތައް ދިމާ ނުވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި އެ ފަރަގު ވަނީ ހިއްސާކޮށްފައެވެ.

  • ފެބްރުއަރީ، 2019 ގައި 94،500 ރުފިޔާ ކޮއްތަށް ހަރަދުކުރަން ދިން ނަމަވެސް ބިލްތައް ލިބިފައި ވަނީ 105،969 ރުފިޔާއަށ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. ހަރަދު ކުރަން ދިން ފައިސާއަށް ވުރެ ބިލްތަކަށް އަރާ އަދަދު އިތުރުވެފައި ވާއިރު 11،469 ރުފިޔާގެ ފަރަގެއް އުޅޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާޙަގަކޯށްފައި ވެއެވެ.
  • އޭޕްރިލް، 2019 ގައި ކޮއްތަށް ހަރަދު ކުރުމަށް 101،250 ރުފިޔާ ނަގާފައިވާ ކަން އެނގެން އޮތް އިރު ބިލްތަކުން ކުރި ހަރަދުގެ ތަފްސީލް ފެންނަ އޮތީ 64،112 ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. މިއީ ހަރަދު ކުރަން ނެގި ފައިސާއާއި ބިލްތަކުގެ ޖުމްލަ އަދަދަށް ބަލާއިރު 37،138 ރުފިޔާގެ ފަރަގެއް ކަމަށް އޮޑީތް ރިޕޯޓުގައި ބުނެއެވެ.

މީގެ އިތުރުން ޕެޓީ ކޭޝް ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކޮއްތު ފައިސާގެ ގޮތުގައި ނަގާފައިވާ ފައިސާއިން އިދާރާގެ އާންމު ޕެޓީ ކޭޝްއިން ކުރަންޖެހޭ ފަދަ ބައެއް ހަރަދުތައް ކުރުމަށް ޖުމްލަ 23،532 ރުފިޔާ ނަގާފައިވާ ކަމަށް މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކޮއްތު ފައިސާ ގުނި އިރު އޮޑިޓަރުންނަށް ފާހަގަވެފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.

2016، 2017 އަދި 2018 ގައި ވެސް ކުޑަކުދިންގެ ހިޔާ ކޮއްތު ފައިސާގެ ހިސާބު ދިމާ ނުވޭ!

ކުޑަކުދިންގެ ހިޔާގެ ކޮއްތު ތައްޔާރުކުރުމަށް ނަގާ ފައިސާއިން ކުރާ ހަރަދުތަކުގެ ލިޔެކިޔުންތައް އެކަށީގެންވާ ހަރުދަނާ އުސޫލެއްގެ މަތިން ބަލަހައްޓަމުން ނުދާ މައްސަލައަކީ މީގެ ކުރީގެ އަހަރުތަކުގެ އޮޑިޓްތަކުގައި ވެސް އެކި ފަހަރު މަތިން ފާހަގަކޮށްފައިވާ މައްސަލަތަކެކެވެ. އެގޮތުން 2016 ވަނަ އަހަރުގައި ކުޑަކުދިންގެ ހިޔާއިން ކޮއްތު ތައްޔާރު ކުރުމަށް 2،822،475 ރުފިޔާ އަދި 2017 ވަނަ އަހަރުގައި 1،751،250 ރުފިޔާ ހަރަދުކޮށްފައި ވެއެވެ. 2016 އަދި 2016 ވަނަ އަހަރުގެ އޮޑިޓުގައި ވެސް މި ހަރަދުތަކުގެ ތަފްސީލު އޮޑިޓަރުންނަށް ފޯރުކޮށްދީފައެއް ނުވެއެވެ.

ހަމައެއާއެކު 2018 ވަނަ އަހަރުގައި ކުޑަކުދިންގެ ހިޔާގެ ކޮއްތު ތައްޔާރު ކުރުމަށް 1،464،980 ރުފިޔާ ހަރަދުކޮށްފައި ވާއިރު އެ ފައިސާގެ ތެރެއިން ހަރަދުގެ ސައްހަކަން ކަށަވަރު ކުރެވިފައި ވަނީ 1،021،183 ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. އަދި ބާކީ 443،797 ރުފިޔާގެ ހަރަދުގެ ސައްހަކަން ބިލްތައް ބަލަހައްޓާފައި ނުވުމުގެ ސަބަބުން ކަށަވަރުކުރެވިފައި ނުވާ ކަމަށް 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވެސް ވަނީ ފާހަގަކޮށްފައެވެ.