ހެލްތް މިނިސްޓްރީން 2018 ވަނަ އަހަރު ކޮށްފައިވާ މާލީ މުއާމަލާތްތަކާ ބެހޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރު ކުރި އޮޑިޓުން ގިނަ މައްސަލަތަކެއް ފާހަގަ ވެއްޖެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވާ މައްސަލަތަކުގެ ތެރޭގައި މާލީ މުއާމަލާތްތައް ކޮންސޮލިޑޭޓް ކުރުމަށް ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް މާލީ ބަޔާންތައް ތައްޔާރުކޮށްފައިވާ ކަމަށާއި އަހަރު ނިމުނުއިރު ތަނުގައި ހުރި ނަގުދު ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ އަދަދު ސައްހަކަމާއެކު މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން ދައުލަތުގެ މާލިޔަތު ގަވައިދާ އެއްގޮތައް ދައުލަތުގެ ހަރު މުދާ ބަލަހައްޓާފައި ނުވާކަން ފާހަގަ ކޮށްފައި ވެއެވެ. އަދި ސިއްހީ ކާރިސާއަކަށް ތައްޔާރު ވެވޭ ގޮތައް މެޑިކަލް ސްޓިކް ރިކޯޑްސް ބަލަހައްޓާފައި ނުވާކަމަށްވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
1. މާލީ މުއާމަލާތްތައް ކޮންސޮލިޑޭޓްކުރުމަށް ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް މާލީ ބަޔާންތައް ތައްޔާރުކޮށްފައިވުން
ދައުލަތުގެ މާލީ ބަޔާން ތައްޔާރުކުރަންވާނީ "އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް" އިން ނެރެ ޝާއިރުކުރާ" އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގް ސްޓޭންޑާޑް: ފައިނޭންޝަލް ރިޕޯޓިންގް އަންޑާ ދަ ކޭޝް ބޭސިސްއޮފް އެކައުންޓިންގް" އާ އެއްގޮތަށްކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 15.03 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ މުއައްސަސާތަކުގެ މާލީ ބަޔާންތައް ކޮންސޮލިޑޭޓް ކޮށްފައިވަނީ އެ އުސޫލާ ހިލާފަށްކަން އޮޓިޑް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އެގޮތުން ކޮންސޮލިޑޭޓް ކޮށްފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިވާ ހަރަދުގެ ޖުމްލަ އަދަދަކީ ވަކިވަކި އިދާރާތަކުގެ މާލީ ބަޔާންތައް އެއްކޮށްލުމުން އަންނަ ޖުމްލަ ހަރަދުގެ އަދަދަށްވުރެ 83,853,485ރުފިޔާ އިތުރު އަދަދެއްކަންވެސް ފާހަގަކޮށްފައި ވެއެވެ.
ކޮންސޮލިޑޭޓް ކޮށްފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިވާ އަދަދުތަކަކީ މިނިސްޓްރީ އާއި ދަށުން ހިނގަމުންދާ ވަކިވަކި އިދާރާތަކުގެ މާލީ ބަޔާންތައް އެއްކޮށްލުމުން އަންނަ އަދަދުތަކެއް ނޫންކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި އެކައުންޓިން ރެކޯޑުތަކާއި މާލީ ބަޔާންތަކުގައި ރިޕޯޓުކޮށްފައިވާ އަދަދުތަކުގެ ބޮޑެތި ތަފާތުތަކެއް ހުރުމުން މާލީ ބަޔާންތަކުގައި ހިމަނާފައިވާ އަދަދު ތަކަކީ އަހަރުގެ ނިޔަލަށް ހިނގި ހަރަދާއި، ހަރަދުނުވެ ބާކީ ހުރި ފައިސާގެ ސައްހަ އަދަދުތަކެއްކަން ކަށަވަރުކުރެވެން ނެތްކަންވެސް ހެލްތް މިނިސްޓްރީގެ 2018ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
2. އަހަރު ނިމުނުއިރު ތަނުގައި ހުރި ނަގުދު ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ އަދަދު ޞައްޙަކަމާއެކު މާލީ ބަޔާންތަކުގައި ހިމަނާފައި ނުވުން
"އިންޓަނޭޝަނަލް ޕަބްލިކް ސެކްޓާ އެކަނުންޓިންގް ސްޓޭންޑާޑް (އިޕްސަސް: ފައިނޭންޝަލް ރިޕޯޓިންގް އަންޑާ ދަ ކޭޝްބޭސިސް އޮފް އެކައުންޓިންގް" ކޮންޓްރޯލިން އެންޓިޓީއިން ތައްޔާރުކުރާ ކޮންސޮލިޑޭޓަޑް މާލީ ބަޔާންތަކުގައި އެ އިދާރާއަކުން ކޮންޓްރޯލް ކުރާ ހުރިހާ މުއައްސަސާއަކަށް ލިބުނު ފައިސާއާއި، ކުރި ހަރަދާއި، ބާކީ ހުރި ފައިސާގެ ހިސާބުތައް ކޮންސޮލިޑޭޓްކޮށް ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، މިނިސްޓްރީ އޮފް ހެލްތާއި އެ މިނިސްޓްރީގެ ދަށުންހިންގަމުންދާ އިދާރާތަކާއި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އަހަރު ނިމުނުއިރު ހުރި ފައިސާއާއި ފައިސާގެ ގޮތުގައި ބެލެވޭތަކެތީގެ އަދަދުގެ ސައްހަކަން ކަށަވަރު ކުރެވޭނެގޮތަށް، ހިސާބުތައް ބަލަހައްޓާފައި ނުވާކަން ފާހަގަ ކޮށްފައި ވެއެވެ.
އެގޮތުން، މިނިސްޓްރީގެ 2018 ވަނަ އަހަރުގެ މާލީ ބަޔާނުގައި ހިމަނާފައިވާ ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ ގޮތުގައި ހިމަނާފައިވާ އަދަދުތަކާއި އެ އަހަރުގެ ޑިސެންބަރު މަހުގެ 31ގެ ނިޔަލަށް ތަނުގައި ބެހެއްޓިފައި ހުރި ނަގުދު ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭތަކެތީގެ އަދަދުގެ ގޮތުގައި އެ އިދާރާތަކުގެ ތިޖޫރީ ރިޕޯޓުން ދައްކާ އަދަދާއި ދިމާނުވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން އަތޮޅުތެރޭގައި ހޮސްޕިޓަލްތަކުގެ ނަމުގައި ހުޅުވާފައި ހުރި ބެންކު އެކައުންޓްތަކުގައި އަހަރު ނިމުނު އިރު ހުރި ފައިސާއާއި ތިޖޫރިތަކުގައި ހުރި ނަގުދުފައިސާގެ ހިސާބު މާލީ ބަޔާންތަކުގައި ހިމަނާފައެއް ނުވެއެވެ. އެހެންކަމުން މިނިސްޓްރީގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގައި ހިމެނޭ ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި އަހަރު ނިމުނުއިރު ހުރި ބާކީގެގޮތުގައި ހިމަނާފައިވާ 13,179,995 ރުފިޔާގެ ސައްހަކަން ކަށަވަރު ކުރެވެން ނެތްކަމަށްވެސް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން ޅ. ހިންނަވަރުގައި ސިއްހި މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތާގުޅިގެން ކަންތައްތަކެއް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
އެގޮތުން ގަވާއިދާ ހިލާފަށް މަސައްކަތް ހަވާލުކުރުމާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ރޫހާ ހިލާފަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި (އެމްއާރްޑީސީ) މަސައްކަތް ހަވާލުކުރި ކަމަށް އެ އޮޑިޓްގައި ފާހަގަ ކޮށްފައި ވެއެވެ.
3. ސިއްހީ ކާރިސާއަކަށް ތައްޔާރު ވެވޭ ގޮތައް މެޑިކަލް ސްޓޮކް ރިކޯޑްސް ބަލަހައްޓާފައި ނުވުން
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން ތަކެތިބޭނުންކޮށްގެން އެހެން އެއްޗެއް އުފެއްދުމަށް، ނުވަތަ ތަނަށް ހިދުމަތް ދިނުމުގައި ބޭނުންކުރުމުގައި ހޯދާފައި ބަހައްޓާ ތަކެތި ސްޓޮކަށް ވައްދައި، ކޮންމެ އައިޓަމެއްގެ ބާކީ ވަކިން އެނގޭނެގޮތަށް ސްޓޮކްބާކީގެ ހިސާބު ބަލަހައްޓަން ޖެހެއެވެ.
ނަމަވެސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވިއަން ބްލަޑްސާވިސަސްގެ މެޑިކަލް ސްޓޮކްގެ ރެކޯޑުތައް އެކަށީގެންވާގޮތަށް ބަލަހައްޓަމުން ނުގެންދާ ކަން ފާހަގަ ކޯށްފައި ވެެއެވެ.
މިގޮތުން މެޑިކަލް ސްޓޮކް ދޫކުރުމުގައި ސްޓޮކުން އައިޓަމް ދޫކުރުމަށްފަހު އަދި އާ ސްޓޮކް ލިބުމުން ސްޓޮކް ރިކޯޑްތައް ގަވާއިދުން އަޕްޑޭޓް ނުކުރާ ކަމަށައި މިނިސްޓްރީގެ ދަށުން ހިނގާ އެކި އެކި އިދާރާތަކުގެ މެޑިކަލް ސްޓޮކް ގުނިއިރު ބޮޑެތި ތަފާތުތައް ފާހަގަކުރެވުނު ކަމަށް އެ އޮޑިޓްގައި ފާހަގަ ކޯށްފައި ވެއެވެ.
އެހެންވުމުގެ ސަބަބުން ސިއްހީ ކަންކަމަށް އެކި ބާވަތްތަކުގެ ތަކެތި ސްޓޮކްކޮށް ރައްކާ ކުރެވިފައި ހުރީ ކިހާ މިންވަރަކަރަކަށްކަން އެނގެން ނެތްކަން ހެލްތް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓިުގައި ފާހަގަ ކޮށްފައި ވެއެވެ.
2018 ވަނަ އަހަރު ހެލްތް މިނިސްޓްރީގެ މިނިސްޓަރެއްގެ ގޮތުގައި އޭރު ހުންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.