މިދިޔަ ނޮވެމްބަރު މަހު ހިންގި ތިމަރަފުށި އޮޕަރޭޝަނުގައި ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރީ ބޮމެއް ހަދަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅިގެން ފުުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވައި، އެކަމަށް ހިއްވަރު ދީފައިވާ ކަމަށެވެ. އަދި ތިމަރަފުށީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓް ކުރާ "ނަސާހް-3" ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެއެވެ.

މި މީހުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި އައިއީޑީ ތައްޔާރު ކުރުމަށް އުޅުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީނުތައް ހަދަމުން ދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގުން ހިމެނެއެވެ. އަދި ހަރުކަށި ފިކުރުގެ ދަރުސްތައް އޮންލައިން ކޮށް ބާއްވައި، އެރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒު ކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތް ކޮށް، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިއުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު އެމީހުން ގެންދަނީ ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ތ. ތިމަރަފުށި މަތިން ނަގާފައިވާ ފޮޓޯއެއް

މިކަމާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު ހިންގި އޮޮޕަރޭޝަނެއްގައި ތިމަރަފުށިންނާއި ކަނޑުމަތިން ވަނީ މި މައްސަލާގައި ތުހުމަތު ކުރެވޭ ޖުމްލަ 8 މީހަކު ހައްޔަރުކޮށްފައެވެ. އެއީ:

  • އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި / ފެހިވިދުވަރުގެ، (34 އަހަރު)
  • އަހްސަން މުހައްމަދު، ތ. ތިމަރަފުށި / އަސްރަފީވިލާ (32 އަހަރު)
  • އަލީ މުނީޒް، ތ. ތިމަރަފުށި / ކެނެރީގެ (28 އަހަރު)
  • މުހައްމަދު އާސިރު، ތ. ތިމަރަފުށި / އަސުރުމާގެ (34 އަހަރު)
  • އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ / ފެހިވިލާ (18 އަހަރު)
  • ޝަމާޚު ޝަރީފް، ތ. ތިމަރަފުށި / ސައިމާ (20 އަހަރު)
  • އިބްރާހިމް ލޫތު، ނ. ކުޑަފަރި / ރޯޒްމީޑު (21 އަހަރު)
  • އަބްދުﷲ އިމާދު، ރ. މަޑުއްވަރީ / ބީޗް ހައުސް (29 އަހަރު)

ފުލުހުންގެ އޮޕަރޭޝަން ހިންގާފައި ވަނީ ނަސާހް-3 ކިޔާ ހުއިފިލަނޑާ ނަގާ ދޯނީގައި އައިއީޑީއެއް ތައްޔާރު ކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އެދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެންނެވެ. އަދި އެ ދޯނިން ހައްޔަރުކުރި މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗް ކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުންވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނޮވެމްބަރު 11، 2020 ވަނަ ދުވަހު ނަސާހް-3 ދޯނި ބަލައި ފާސްކުރި އިރު އައިއީޑީއެއް ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް އެ ދޯނިން ފެނިފައިވެއެވެ. އަދި ދޯނި އަޅާފައި އޮތް ސަރަހައްދުން މޫދުއަޑި ބަލައި ފާސްކުރި އިރު 10 މީޓަރު އަޑިން، ބަޑިބޭސް އެކުލެވޭ ކަމަށް ބެލެވޭ ކާޓްރިޖްތަކެއް ފެނިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ބަލައިފާސް ކުރި ގެއަކުން، އައިއީޑީއެއް ތައްޔާރު ކުރަން ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާ ތަކެތި ތައްޔާރު ކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވެއެވެ.

ހަމައެއާއެކު މި މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރު ކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ތަހުގީގުގެ އަލީގައި ބުނެފައެވެ. އަދި މި މައްސަލާގައި ހައްޔަރު ކުރި މީހުން އުޅުނީ އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ކަމަށާއި، ހަމަލާދޭން ގަސްދު ކޮށްފައިވާ ބައެއް ތަންތަން ފާހަގަ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.