ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގޮވާލައި އިއްޔެ ޕީޕީއެމް/ޕީއެންސީން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

މިކަމާ ގުޅިގެން ޕީޕީއެމުން ބުނީ އިއްޔެ މެންދުރު ކުރިއަށް ދިޔަ އިހުތިޖަޖުގެ ތެރެއިން ހައްޔަރުކުރި އެންމެން ރޭ ދޫކޮށްލާފައި ވާ ކަމަށެވެ. އަދި ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ލަތީފާއި ޕީޕީއެމްގެ ފަރާތުން ކައުސިލަށް ކުރިމަތިލާ ކެންޑިޑޭޓަކު ވެސް ހަޔަރު ކުރި ކަމަށެވެ. ނަމަވެސް އެމީހުން ވެސް ފަހުން ދޫކޮށްލާފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

އެ އިހުތިޖާޖުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ކައުންސިލްގެ މެންބަރުން އަދި އެ ޕާޓީގެ ސަޕޯޓަރުން ހިމެނެއެވެ. އެއީ ޖުމްލަ 24 މީހުންނެވެ.

ފުލުހުންގެ ބަންދުން ދޫކޮށްލުމާއެކު މީޑިއާއަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ފުލުހުން އޭނައާ މެދު އަމަލުކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް އެއީ ފުލުހުންގެ ވެރިން ބޭނުންވި ގޮތެއް ނޫން ކަމަށާއި ވެރިން ބޭނުންވީ އެ މީހުން ހައްޔަރުކޮށް ދޫނިދުއަށް ގެންދަން ކަމަށެވެ. އަދި ބަންދު ކޮށްގެން ސިޔާސީ ހަރަކާތްތައް ހުއްޓުވިދާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހީފުޅުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އިއްޔެ މެންދުރުން ފެށިގެން ކުރި އިހުތިޖާޖުގައި އިލެކްޝަންސް ކޮމިޝަން ކައިިރިއަށް އެއްވެ އިންތިހާބު އަވަސް ކުރުމަށް ގޮވާލާ ވަނީ އަޑުއުފުލާފައެވެ. އެ މުޒާހަރާގައި ބައިވެރިން ވަނީ އަނިޔާވެރި ކަމާއި ބަދަލު ހިފުން ދޫކޮށްލައި ރައީސް ޔާމީން މިނިވަން ކުރަން ވެސް ގޮވާލާފައެވެ.

އިދިކޮޅު އިއްޔެ މުޒާހަރާ ކޮށްފައި ވަނީ ރައީސް ޔާމިނަށް ކޮށްފައިވާ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން ސީދާ ހަރަކާތަށް ނުކުންނަން ނިންމުމަށް ފަހުއެވެ.