އައްޑޫގައި ހިންގާ ފްލައިންގް ސްކޫލްގެ މައްސަލަތައް ހައްލުކުރަން އެ ތަނުގެ އިސްވެރިއަކަށް މިއަދު ދިވެއްސަކު ހަމަޖައްސައިފިއެވެ.
އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން ނެރުނު ބަޔާނުގައި ބުނީ، ޕޮލިސީ ލެވެލް އަށް ދިވެއްސަކު ހަމަޖެއްސީ ސްކޫލު ހިންގުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ސަރުކާރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހައްލު ކުރުމުގައި ދަރިވަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް މ. ޒޭވަރު، މުހައްމަދު ފަޒީލް ރަޝީދު އައްޔަންކޮށްފައިވާ ކަމަށް އެ އެކަޑަމީން ބުނެއެވެ.
އަދި ތަނުގެ އިސް ވެރިއަކަށް ދިވެއްސަކު ހަމަޖައްޖެއްސުމުން އެ އެކަޑަމީން ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާތަކާއި ހައްލު ނުވެ ހުރި މައްސަލަތަަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ އެކަޑަމީން ބުނެއެވެ.
ފްލައިން ސްކޫލްގެ އިސް ވެރިއަކަށް ދިވެއްސަކު އައްޔަން ކޮށްފައިވާ އިރު، މީގެ ކުރިން އެ ސްކޫލްގެ މެނޭޖްމަންޓް އަދި ހިންގުމުގައި އިސްކޮށް އުޅެނީ ބިދޭސީންނެވެ.
ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. އެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ. މީގެ އިތުރުން ދަރިވަރުން އަތުން އެ އެކަޑަމީއަށް ނަގާ ފީ ޑޮލަރުން ދައްކަންޖެހޭ މައްސަލަ އަކީ ވެސް ދަރިވަރުންނާއި ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. މި މައްސަލަތައް ފެންމަތިވެ ހައްލެއް ނުގެނެވި އުލޭނިކޮށް ދަރިވަރުން ސްކޫލުން ކަނޑާލާ ކަމުގެ ޝަކުވާތައް އައިސް ރައްޔިތުންގެ މަޖިލީހުން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ.
އެގޮތުން ފްލައިން ސުކޫލްގެ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ވަނީ ފްލައިން ސްކޫލްގެ މެނޭޖްމަންޓާއި އެ ސްކޫލުގެ ދަރިވަރުންނާއި އަދި އައްޑޫ ސިޓީގެ ކައުންސިލާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި އެ ސްކޫލުން ބުނެފައި ވަނީ މި ވަގުތު އެ ސްކޫލުގައި 173 ދަރިވަރުން ތިބި ކަމަށާއި މި ވަގުތު 100 އެއްހާ ދަރިވަރުން ސްކޫލުން ވަކިކޮށްގެން މެނުވީ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. ދިމާ ދަތިތަކުގެ ތެރޭގައި އިންސްޓްރަކްޓަރުން މަދުކަން ފާހަގަކޮށްފައި ވާއިރު ދެން އެ ސްކޫލުން ބުނެފައި ވަނީ ރަނގަޅަށް ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދާ ދަރިވަރުން މަދުކަމަށެވެ.
ފްލައިން ސްކޫލުގެ މައްސަލައަކީ ފެށުނީއްސުރެ ވެސް އޮތް މައްސަލަތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިފަދަ މައްސަލަތަކެއް އޮތް އިރު ރާއްޖޭގައި ހިންގާ ހަމައެކަނި ފްލައިން ސްކޫލަށް ވެފައި މިފަދަ ކަންކަމަށް ފިޔަވަޅު ނާޅާ މައްސަލަ ހައްލު ނުކުރެވި އޮތުމުން ގިނަ ބަޔަކު ވަނީ ސިވިލް އޭވިއޭޝަނާއި ޓްރާޏްސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަނަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.