ކޮވިޑަށް ޕޮޒިޓިވް ވި ކޭސްތަކަށް ބަލާއިރު މިހާރު ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި 100 އަށް ވުރެ ގިނަ ކުޑަކުދިން އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިއްޔެގެ ނިޔަލަށް މިހާރު ހުރި އެކްޓިވް ކޭސްގެ އަދަދު 1160 ގައި ހުރި އިރު އޭގެތެރޭގައި ތިބި ކުޑަކުދިންގެ އަދަދަކީ 111 ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 58 ފިރިހެން ކުދިންނާއި 53 އަންހެން ކުދިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި ކުދިންގެ ތެރޭގައި އެންމެ ހަގު ކުދިންގެ ގޮތުގައި ތިބީ 4 މަހުގެ ދެ އަންހެން ކުއްޖަކާއި 5 މަހުގެ އަންހެން ކުއްޖެއްގެ އިތުރުން 9 މަހުގެ ކުއްޖެކެވެ.
ކުޑަކުދިންގެ ކޭސްތައް: އެކްޓިވް 111 ކޭސް
- 1 އަހަރުން ދަށް: 9
- 2 އަހަރާއި 6 އަހަރާ ދެމެދު: 21
- 7 އަހަރާއި 12 އަހަރާ ދެމެދު: 50
- 13 އަހަަރާއި 18 އަހަރާ ދެމެދު: 31
މި ކުދިންގެ ތެރެއިން އެންމެ ގިނަ އެކްޓިވް ކޭސްތައް ހުރި އުމުރު ފުރާތަކަކީ 7 އަހަރާއި 9 އަހަރާއި އަދި 11 އަހަރާއި 13 އަހަރެވެ. 7 އަހަރާއި 9 އަހަރުގެ ގްރޫޕުގައި 10 ކުދިން ތިބި އިރު 11 އަހަރާއި 13 އަހަރުގެ ގްރޫޕުގައި 11 ކުދިން އެބަ ތިއްބެވެ.
ރާއްޖެއިން މިހާރު ފެންނަމުންދާ ކޭސްތަަކުގެ ތެރޭގައި ބަލިޖެހޭ ކުޑަކުދިންގެ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު ފަހުކޮޅު ކޭސްތައް މަދުވެފައި އޮތުމަށްފަހު އަނެއްކާ ކޭސްތައް އިތުރުވާން ފާށަފައިވާއިރު ކުޑަކުދިން ޕޮޒިޓިވްވާ މިންވަރު އިތުރުވުމަކީ ބަލި ފެތުރުން އިތުރުވެދާނެ ކަމެއް ކަމަށް ބައެއް ސިއްހީ މާހިރުން ބުނެއެވެ. އެހެންކަމުން ގިނައިން އަތް ދޮވުމާއި މާސްކް އެޅުމުގެ އިތުރުން ގައި ދުރުކަން ދެމެހެއްޓުމަށް އިސްކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
މިހާރު ސްކޫލަތައް ހުޅުވައިގެން ކިޔަވައި ދެމުންދާ އިރު ދާދި ފަހުން ވަނީ ޤުރުއާން ކްލާސް އަދި ޓިއުޝަން ކްލާސްތައް ހިންގުމަށް ވެސް ހުއްދަ ދީފައެވެ. މި ވަގުތު މިފަދަ ކްލާސްތަކަށް ކުދިން ފޮނުވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަަކށް ބެލެނިވެރިންނާއި ދަރިވަރުން ސަމާލުކަން ދިނުމަށް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.