ހުޅުމާލެގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ނަމާދަށް ހުރި ދޮށީ އުމުރުގެ ދިވެއްސެއްގެ ކަރުގައި ހިފި މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް މިއަދު 5 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން
މީގެ ކުރިން އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ. މިއަދު އެ މުއްދަތު ވަނީ ހަމަވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހު 15 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މިސްކިތަށް ނަމާދަށް އެރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ނުބައި ވަސްދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނެއް އޭނާ މިސްކިތުން ނެރެން އުޅެ މާރާމާރިއެއް ހިންގާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިންގާފައި ވަނީ އަސްރު ނަމާދުގެ ޖަމާއަތް ނިމުނު ފަހުންނެވެ. އިންޑިއާ ރައްޔިތެއް އެ މިސްކިތަށް އަރާ އެ ވަގުތު ނަމާދަށް ހުރި ދޮށީ އުމުރުގެ ދިވެއްސެއްގެ ކަރުގައި ހިފުމުން އެ މިސްކިތުގައި ތިބި މީހުން ވަނީ އެކަން ހުއްޓުވާފައެވެ.
މި ހާދިސާގައި ނަމާދަށް އެރި ދިވެހި މީހާ، މޫސާ މުހައްމަދު ބުނީ އޭނާ ނަމާދަށް މިސްކިތަށް އެރި އިރު އެ އިންޑިއާ މީޙާ އުޅުނީ ފާހާނާ ބަރިތައް ކައިރީގައި ކަަމަށެވެ. އަދި އޭނާ ނަމާދަށް އަރައަރާ ހުއްޓާ އައިސް އެ އިންޑިއާ މީހާ އޭނާ ހިފައްޓާގައި ގަމީހުގެ ގިރުވާނުގައި ހިފި ކަމަށް އޭނާ ބުނެއެވެ. އަދި އޭނާ ނަމާދަށް އަރަނީ ކަމަށް ބުނުމުން އެ އިންޑީއާ މީހާ އެކަމާ ދެކޮޅު ހަދައި އޭނާ ހިފައްހައްޓަން މަސައްކަތް ކޮށް ޖަހަން އުޅުނު ކަމަށް ވެސް އޭނާ ބުނެއެވެ. އަދި ޖަހައިގެން ނުވާނެ ކަމަށް ބުނުމުން އެ އިންޑިއާ މީހާ މޫސާ މުހައްމަދުގެ ފަޓްލޫނުގެ ފަހަތު ޖީބު ބަލައި ފާސްކުރަން އެދުނު ކަމަށް އޭނާ ބުނެއެވެ.
އޭނާ ބަަލައި ފާސްކުރަންވީ ސަބަބެއް ނޭނގޭ ކަމަށް މޫސާ ބުނެއެވެ. އަދި އޭނާ އަކީ ބަލި މީހެއް ކަމަށާއި ނަމާދަށް އެރީވެސް ގޮނޑިއެއް ހިފައިގެން ކަމަށް ބުނެއެވެ. މޫސާ މުހައްމަދަކީ މާލޭގައި އުޅޭ މާލެ ރައްޔިތެކެވެ. އޭނާ ހުޅުމާލެއަށް ދިޔައީ އޭނާގެ އާއިލާގެ ބަޔަކު ހުޅުމާލޭގައި ދިރިއުޅޭތީ ކަމަށާއި ނަމާދަށް އެ މިސްކިތަށް ދިޔައީ އެހެންވެ ކަމަށް އޭނާ ބުނެއެވެ.