އެމެރިކާގެ އިންޑިއާނާޕޮލީސްގެ ގެއެއްގެ ތެރޭގައި، 5 މީހުންނާއި، އުފަން ނުވާ ތުއްތު ކުއްޖަކު މަރާލަފައި އޮއްވާ ފެނިއްޖެއެވެ.

ބަޑިޖަހާ މަރާލާފައިވާ 5 މީހުންގެ ތެރޭގައި މާބަނޑު އަންހެނެއްވެސް ހިމެނެއެވެ.

އިންޑިއާނާޕޮލީސްގެ މޭޔާ ޖޯ ހޮގްސެޓް ވިދާޅުވީ، ބަޑިޖަހައިގެން 6 މީހުން މަރާލި ހާދިސާއާއިއެކު އެ ސަރަހައްދަށް، ހާސްކަމާއި ބިރުވެރިކަން ވެރިވެފައި ވާ ކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި، މިއީ ފާއިތުވީ 10 އަހަރަށްވުރެ ދިގު މާޒީއަށް ބެލި ކަމުގައި ވީ ނަމަވެސް، އިންޑިއާނާޕޮލީސްގައި ހިންގި މިފަދަ އެންމެ ނުރައްކާތެރި ޖަރީމާ ކަމަށެވެ.

ހޮގްސެޓް ވިދާޅުވީ އިންޑިއާނާޕޮލީސްގައި މިއަދު ހިންގި ޖަރީމާއަކީ ހަމައެކަނި، ބަޑީގެ ހަމަލާތަކުން ހިންގި ޖަރީމާއެއް ކަމަށް ބުނެވެން ނެތް ކަމަށާ، މިއީ ގަތުލުއާންމެއް ކަމަށެވެ.

މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު، ފުލުހުންނަށް ލިބުނީ ފަތިހު 04:00 ގައި ކަމަށާ، ރިޕޯޓް ލިބުނު ސަރަހައްދަށް ދިޔައިރު އެންމެ ފުރަތަމަ ފެނުނީ ބަޑީގެ ވަޒަނުން ޒަހަމްކޮށްލާފައިވާ ޅަ ފުރައިގެ، ކުޑަ ފިރިހެން ކުއްޖެއް ކަމަށް، އިންޑިއާނާޕޮލީސް މެޓްރޮޕޮލިޓަން ޕޮލީސް ޑިޕާޓްމަންޓުން މައުލޫމާތު ދެއެވެ.

އިންޑިއާނާޕޮލީސްގެ ފުލުހުންގެ އިތުރުން، އެމެރިކާގެ ފެޑެރަލް ފުލުހުންވެސް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.