ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއެހުމަށް "ޖަޒީރާ ސައްލާ" ގެ ނަމުގައި ސަރުކާރުން ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ހަރަކާތަކީ ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް އަދި ޝުއޫރުތައް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރާ ފަރާތްތަކާ ހިއްސާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ.

އެ ހަރަކާތް ބާއްވާނެ ވަކި ތާރީހެއް ރައީސް އޮފީހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް އެ ހަރަކާތާ ބެހޭ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ރައްޔިތުންގެ ހިޔާލު ހޯދަން ތަފާތު އެކި ފަހަރު މަތިން ވަނީ ރައްޔިތުންނާ ބައްދަލު ކޮށްފައެވެ.

އެގޮތުން އޭރު ބޭއްވީ "ޖަޒީރާ ހޮޅުއަށި" ގެ ނަމުގައެވެ. އެ ފަދަ ބައެއް ބައްދަލުވުން ތަކުގައި ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން ދިވެހި މުޖުތަމައުގައި ޒުވާނުންނަށް ކުރިމަތިވެފައި ވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް "ޒުވާނުންގެ ހޮޅުއަށި" ގެ ނަމުގައިވެސް ވަނީ ހަރަކާތްތަކެއް ފަށާފައެވެ. ނަމަވެސް އެ ހަރަކާތް ވަނީ ކޮވިޑް-19ގެ ސަބަބުން މެދުކެނޑިފައެވެ.

އެ ބައްދަލުވުންތަކުގައި ރައީސާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން އެކި މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.