ކޮވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 51 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު 4:27 ހާއިރު އުމުރުން 86 އަހަރުގެ މީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައިވާ ކަމަށެވެ. އަދި އޭނާ ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މިހާތަނަށް މި ބަލީގައި ނިޔާވެފަައި ވަނީ 44 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު ނިޔާވެފައިވާ އިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،885 އަށް އަރާފައެވެ. އޭގެ ތެރެއިން 13،813 މީހަކު ވަނީ ރަނގަޅުވެފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1015 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 77 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.