ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވުމަށް ހުއްދަ ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަ އެ އެޖެންސީން ދީފައިވާ ކަަމަށެވެ. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް މިއަދުން ފެށިގެން ހިންގިއަސް މައްސަލައެއް ނެތް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓރްީން އިތުރަށް ބުނީ ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހިންގަން ވާނީ ކޮވިޑުން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށެވެ. އަދި ދަރުވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ބަންދު ކުރުމަށް އަންގާފައި ވަނީ މިދިޔަ މާޗް މަހުގެ 16ގައެވެ. ތައުލީމުދޭ މިފަދަ ތަންތަނުގެ އިތުރުން، ސްކޫލުތަކާއި، ގެސްޓްހައުސްތަކާއި، ރިސޯޓްތައް އަދި ކޮލެޖު ޔުނިވާސިޓީތަކާއި ސިނަމާތައް ވެސް ބަންދު ކުރުމަށް މާޗް މަސް ތެރޭ ވަނީ އަންގާފައެވެ.

މިހާރު ކޮވިޑްގެ ހާލަތު ރަނގަޅު ވަމުން އަންނާތީ، އޭރު އެޅި ފިޔަވަޅުތަކަށް ދަނީ ލުއި ދެމުންނެވެ. ނަމަވެސް ކޮންމެ ކަމެއް ކުރުމަށް ވެސް ހުއްދަ ދެމުން ދަނީ އެކަމަކާ ގުޅޭ އުސޫލުތަކަކާއެކުއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން މިހާރު ދަނީ ވެކްސިން ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.