ފުލުހުންނަށް ހާއްސަކޮށްގެން ދޫނިދޫގައި އަޅާ އެކަމަޑޭޝަންގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އިރު ދޫނިދޫގައި މަސައްކަތްކުރާ ފުލުހުން ވެސް މި ރަސްމިއްޔާތަށް ހާޒިރުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަގައި މުއައްސަސާއެއް ކުރިއަރާ ދިއުމަށްޓަކައި ނުވަތަ ހިދުމަތް ފުރިހަމަކުރުމަށްޓަކައި ދެކަމެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މަސައްކަތްކުރާ މުވައްޒަފުން އެކަމަށް ބޭނުންވާ ފުރިހަމަ ގާބިލް ކަމާއި ހުނަރު އުފައްދާ އެކަމަށް ދޭ އަހަންމިއްޔަތުކަން ފުރިހަމަވެފައި އޮތުމާއި އެކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ގާއިމްވެ، ހާސިލްވެފައި ހުރުމަކީ މުހިންމު ކަމެއް ކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިއަދު ބިންގާ އެޅި އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑު ލުއި ފަސޭކަމެއް ގެނެސްދީ، މަސައްކަތަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ އިމާރާތަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސީޕީ ހަމީދު ދެއްކެވި ވާހަކަގައި ފުލުހުންގެ މުއައްސަސާ ތަރައްގީ ކުރުމަށާއި މުއައްސަސާގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާގެ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ކޮންމެ ފުލުހެއްގެ އެންމެ އިސް ލަނޑުދަނޑިއަކަށް ވާންޖެހޭނީ ރައްޔިތުން ފުލުހުންގެ ހިދުމަތަށް ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށާއި އެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މިއަދު ބިންގާ އެޅި މި އިމާރާތަކީ ވަރަށް ބޭނުންތެރި އިމާރާތެއް ކަމަށާއި މި އިމާރާތުގެ ސަބަބުން މުވައްޒަފުންގެ ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުން ބުނީ ދޫނިދޫގައި އަލަށް އިމާރާތްކުރާ މި އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ކެއިން ބުއިމުގެ އިންތިޒާމު މިހާރަށް ވުރެ ރަނގަޅުކުރުމަށާއި ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން އާއި އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތެއް ކަމަށެވެ.

ޒަމާނީ ވަސީލަތްތަކާއެކު ހަ ފަންގިފިލައަށް އިމާރާތްކުރާ މި އިމާރާތުގައި މެސް ރޫމާއި ބަދިގޭގެ އިތުރުން މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތަކާއި ވީއައިޕީ އެކޮމަޑޭޝަން ބްލޮކަކާއި އޮފީސް ބަޔަކާއި ކުލާސް ރޫމް އަދި ކޮންފަރެންސް ރޫމެއް ހިމެނެއެވެ.