ކުޑަކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފޮޓޯއާއި ވަނަވަރު އާންމު ކޮށްފިއެވެ.
ފޮޓޯއާއި ވަނަވަރު އާންމުކޮށް، ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އެދިފައި ވަނީ، އުމުރުން 34 އަހަރުގެ ބަންލަދޭޝްއަށް ނިސްބަތްވާ އެމް ޑީ އިދްރިޝް (ޕާސްޕޯޓް ނަންބަރު: C1497280)އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައި ވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރު ވުމަށް އަންގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށެވެ.
އޭނާ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރު ވުމަށް އަންގާފައި ވަނީ ޖަނަވަރީ 31، 2021 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޒަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާ 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ، އުޅޭ ވަކި ތަނެއް ނޭނގޭ މީހުން، ފުލުހަށް ހާޒިރުވުމަށް އަންގާ އެކަން އާންމުކޮށް އިއުލާން ކޮށްފައެވެ