މިއަދު ރާއްޖެއިން 55 މީހުން ޕޮޒިޓިވް ވެ، އޭގެތެރެއިން މާލެ ސަރަހައްދުން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 31 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 9 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 15 މީހެއް ކަމަށް އެޗްޕީއެއިން ބުނެއެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14،885 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 82 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،813 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1015 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 77 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 50 އަށް އަރަފައެވެ. މިހާރު މި ބަލީގައި ނިޔާވެފައި ވަނީ 43 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 50 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި މއަހަރު ފެށުމަށް ފަހު ބައެއް ދުވަސް ދުވަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 1128 އަށް އަރާފައެވެ. އަދި މި މުޅި ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ އިއްޔެ އާއި މި މަހުގެ 16 ވަނަ ދުވަހުއެވެ. އިއްޔެ ޕޮޒިޓިވް ވެފައި ވަނީ 79 މީހުންނެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ޕޮޒިޓިވް ވެފައި ވަނީ 87 މީހުންނެވެ.