ޑޮލަރު އޭޓީއެމް ކައިރިން ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ޑޮލަރު އޭޓީއެމް ކައިރިން އެމީހާ ހައްޔަރު ކުރި އިރު އެ ސަރަހައްދުން ނެގި ވިޑިއޯއެއް އާންމު ކުރަމުން ސޯޝަލް މީޑިއާގައި މީހަކު ބުނެފައި ވަނީ ބްލެކް މާކެޓްގައި ޑޮލަރު ވިއްކާ މީހަކު ހައްޔަރު ކުރަނީ ކަމަށެވެ. އަދި އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ޑޮލަރު ވިއްކާ މީހުން ހައްޔަރު ކުރުމަށް ވުރެ ރާއްޖޭގައި ޑޮލަރު ފަސޭހާއިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ގޮވާލާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެމީހާ ހައްޔަރު ކޮށްފައި ވަނީ ޑޮލަރު އޭޓީއެމް ކައިރިން މިއަދު މެންދުރު ފަހު 1:05 ހާއިރު ކަމަށެވެ. އަދި އެމީހާ ހައްޔަރު ކޮށްފައި ވަނީ އެ ސަރަހައްދުގައި ޑޮލަރު ވިއްކާތީ ނޫން ކަމަށާއި އަންހެނުންތަކަކާ ފޮށި އާންމުންނަށް އުނދަގޫ ކުރަމުން ދިއުމުން ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ހައްޔަރުކުރި އެމީހާ އަކީ އުމުރުން 50 އަހަރުގެ ބަންގްލަދޭޝް ފިރިހެނެެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި އާންމުންނަށް އުނދަގޫވާ ކަހަލަ ކަންކަން ކުރާ ބިދޭސީން ގިނަ ވަމުން އަންނަ އިރު ދާދި ފަހުންވެސް މިފަދަ މައްސަލައެއްގައި ފުލުހުން ވަނީ ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭގައި ހުރި އަޒީޒާ މޫސާ މިސްކިތަށް ނަމާދަށް އެރި މީހެއްގެ ކަރުގައި ހިފި އިންޑިއާ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.