ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން ބިދޭސީ މީހާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހާގެ ސްޕޮންސަރާ ގުޅިގެން ބަންގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ އަކީ ނަފްސާނީ މައްސަލަ ތަކެއް ހުންނަ މީހެއް ކަމަށް މިހާތަނަށް ބެލިބެލުމުން ފުލުހުންނަށް އެނގިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިމަހު 21 ވަނަ ދުވަހުގެ ރޭ 8:29 ހާއިރުއެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ފުލުހުން ބަލަމުން ދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ބިދޭސީ މީހާ ފުރަތަމަ މިސްކިތަށް ވަނީ ސޯޓް ބުރިއަކާއި ޓީޝާޓެއް ލައިގެނެވެ.

އެ މީހާ މިސްކިތަށް އަރާ އަތްމައްޗަށް ނަގައިގެން ހުރެ އަޑުގަދަ ކުރަން ފެށުމުން މިސްކިތުގައި ތިބި މީހުން ވަނީ އޭނާއާ ސުވާލު ކޮށްފައެވެ. އޭގެ ޖަވާބުގައި ރަށަށް ދާން ބޭނުންވާ ކަމަށް އޭނާ ބުނެއެވެ. އަދި އޭނާ މިސްކިތުން ފައިބަން އެދުމުން ފައިބައިގެން ދިޔަ ނަމަވެސް އިރުކޮޅެއްގެ ފަހުން ބަރަހަނާވެ އަލުން މިސްކިތް ތެރެއަށް އޭނާ ވަނީއެވެ.

ބަންގްލަދޭޝަށް ނިސްބަތްވާ އެ މީހާ ހުއްޓުވީ ފުލުހުންނާއި ސިފައިންގެ އިތުރުން އާންމުން ވެގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ހައްޔަރު ކޮށްގެން ގެންދިޔައީ ގިނަ އިރުތަކަކު މިސްކިތް ތެރޭގައި ބަރަހަނާ ވެގެން އުޅެނިކޮށެވެ. އެ ހާދިސާގައި މިސްކިތުގެ ބައެއް ތަކެއްޗަށްވެސް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.