ރާއްޖޭގެ ހުރިހާ ކޯޓުތަކުން ނިންމާ ނިންމުންތައް ދުވަހުން ދުވަހަށް އާންމު ކުރަން ސުޕްރީމް ކޯޓުން އަންގައިފިއެވެ.
ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަނެއްގައި ވަނީ ކޮންމެ ކޯޓަކުން ވެސް އެ ކޯޓަކުން ނިންމާ ނިންމުންތައް އެ ދުވަހުން ދުވަހަށް އާންމު ކުރުމަށެވެ. އެގޮތުން ވެބްސައިޓުތައް ހުންނަ ކޯޓުތަކުން ހުކުމް އާނމު ކުރާއިރު އެ ކޯޓެއްގެ ފަނޑިޔާރުން ސޮއިކޮށްފައިވާ ހުކުމުގެ ޕީޑީއެފްގެ ކޮޕީއެއް ވެބްސައިޓުގައި ޝާއިއު ކުރަންވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
ހުކުމުގައި ލިޔުމުގެ ކުށެއް ފަދަ ކުށެއް އޮތް ނަމަ އެ ކުށެއް ރަނގަޅު ކުރަންވާނީ ހުރިހާ ހަސްމުން ނުވަތަ އެ ފަރާތްތަައް ތަމްސީލު ކުރާ ވަކީލުންގެ ހާޒިރުގައި ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. އަދި އެފަދަ ކުށެއް އިސްލާހުކުރުމުގައި އެ ނޫން އެހެން ބަދަލެއް ގެނެސްގެން ނުވާނެ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެއެވެ.
ހަމައެއާއެކު އެ އިސްލާހެއް ގެނައުމަށް ފަހު އިސްލާހު ގެނައި ކަމުގެ ރެކޯޑު ފައިލުގައި ރެކޯޑު ކުރަން ވާނެ ކަމަށާއި، ކުށް ފިލުވާފައިވާ ހުކުމުގެ ކޮޕީއެއް ވެބްސައިޓުގައި އާންމު ކުރަން ވާނެ ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.
ސުޕްރީމް ކޯޓުން ކޯޓުތަކުން ނިންމާ ނިންމުން އާންމު ކުރަން އަންގާފައިވާ އިރު، ސުޕްރީމް ކޯޓު އަދި ހައިކޯޓުން ކުރާ ހުކުމްތައް އެ ދުވަހުން ދުވަހަށް އެ ކޮތެއްގެ ވެބްސައިޓުގައި ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފައި ހުރެއެވެ. ނަމަވެސް ބައެއް ދަށު ކޯޓުތަކުން ދުވަހުން ދުވަހަށް ހުކުމްތައް އާންމު ނުކުރާކަން ފާހަގަ ކުރެވެއެވެ.
ސަދޫމް ކޯޓްތަކުން ކުރާ ޙުކުމްތަޢް އެމްމެނަށްވެސް އެނގޭ