މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މި އަހަރު ދޫކުރާ ލޯނުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ޖާގަ ދިނުމަށް ނިންމައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މި ނިންމުން ނިންމާ، އިއުލާން ކޮށްފައި ވަނީ އެ މިނިސްޓްރީން ކުރި ޓްވީޓެއްގައެވެ. އެ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓެގަރީން ލޯނަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ޖެންޑާ މިނިސްޓްރީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައި ހުންނަން ޖެހޭނެ ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ މިނިސްޓްރީން ބުނީ މި ކެޓެގަރީގެ ދަށުން ހާއްސަ ކުރުމަށް ކަނޑައަޅާފައި ވަނީ ކިތައް ޖާގަކަން އަދި ނިންމާފައިނުވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މިއަހަރުގެ ލޯނު އިއުލާން ކުރާނެ ކަމަށާއި، ލޯނު އިއުލާން ކުރާއިރު، ހުރިހާ ތަފްސީލެއް ވެސް ލިބޭނެ ކަމަށެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގައެއް އެކުލަވާލާ މަތީ ތައުލީމުގެ ލޯނު ދޭ ފުރަތަމަ ފަހަރެވެ.

މި 2021 ވަނަ އަހަރުގެ ބަޖެޓުގައި މަތީ ތައުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ސަރުކާރުން ދެމުން ގެންދާ ހަޔާ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލާޝިޕްތަކަށް ބޮޑު އަދަދެއް ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިހުރިހާ ސްކޮލާޝިޕްތަަކަށް 551 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ބަޖެޓު ކޮށްފައެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފު ކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7,800 އަށް ވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވޭނެ މަގު ވަނީ ފަހިކޮށްދީފައި ވެއެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ހާއްސަ ކޮށްގެން ރީ-ސްކިލް ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރުގެ ބަޖެޓުން ފެށޭނެ ކަމަށާއި ރިސޯޓުތަކުގެ ސީނިއާ މެނޭޖްމަންޓް މަގާމްތަކުގައި ދިވެހިން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމް ހިންގުމަށް ވެސް ބަޖެޓް ކޮށްފައި ވެއެވެ.