މި އަހަރަކީ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތަކަށް ފަހި އަހަރަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މި އަހަރުގެ ތެރޭ އާ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މި މަހުގެ 18 އަދި 19 ގައި ސްޕެއިން ސަރުކާރުން ހޯސްޓްކޮށްގެން މެޑްރިޑްގައި ބޭއްވި ޔޫއެންޑަބުލިއުޓީއޯގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ފަތުރުވެރި ކަމަށް އަންނަމުންދާ ބަދަލުތަކާއި ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރާނެ މިސްރާބަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން މައުސޫމް ވިދާޅުވީ، މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓަށް ފަހި އަހަރަކަށް ހެދުމުގެ ގޮތުން ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މި އަހަރު އާ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ކަމަށް ވާތީ، އެ އަހަރު ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް ރާވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގޮތުން ޔޫއެންޑަބުލިއުޓީއޯގެ ބައިވެރިވުމާ އެކު ހިންގޭނެ ހަރަކާތްތަކަކަށް ވެސް ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ސްޕެއިންގެ ޕްރައިމް މިނިސްޓަރު ޕެދްރޯ ސަންޗޭޒް ތަގްރީރު ކުރައްވަމުން ވިދާޅުވީ މި ދިޔަ އަހަރަކީ ދުނިޔޭގެ ފަތުރުވެރިކަމަށް ބޮޑުލޮޅުމެއް ގެނައި އަހަރަކަށް ވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަން ކުރިއަރައި މި ސިނާއަތުގެ ފައިދާ ހުރިހާ ގައުމުތަކަށް ލިބެން ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މާޒީއަށް ބަލާއިރު ސުނާމީ ކާރިސާ ފަދަ ފަތުރުވެރިކަމަށް އަންނަ ކޮންމެ މި ކަހަލަ ލޮޅުމަކުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތްކޮށް ކާމިޔާބު ހޯދިފައިވާ ކަމަށްވެސް ޕެދްރޯ ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މިއަހަރު ފަހުކޮޅު މޮރޮކޯގައި ބާއްވަން ހަމަޖެހިފައިވާ ޔޫއެންޑަބުލިއުޓީއޯ ގެ 24 ވަނަ ޖެނެރަލް އެސެމްބްލީއަށް ހުށަހަޅާނެ ކަންތައްތައް ނިންމުމެވެ. އެގޮތުން 2022 - 2025 އަށް ޔޫއެންޑަބުލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކު ނޮމިނޭޓް ކުރުމަށްޓަކައި ބޭފުޅަކު ކަނޑައެޅުމަށް އިންތިހާބެއް ބޭއްވިއެވެ. މި އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ވެސް ސެކްރެޓަރީ ޖެނެރަލް މިސްޓާ ޒާރަބް ޕޮލޯލިކަޝްވިލިއެވެ. ބައްދަލުވުމުގައި މެންބަރު ގައުމުތަކުން އެ ގައުމުތަކުގެ ފަތުރުވެރިކަމާއި ގުޅޭ ގޮތުންނާއި ޔޫއެންޑަބުލިއުޓީއޯގެ ދައުރާއި ގުޅޭގޮތުން ވާހަކަދައްކާ ހިޔާލުފާޅުކޮށް މަޝްވަރާކުރެވުނެވެ.

ޔޫއެންޑަބުލިއުޓީއޯގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވަނީ ސްޕެއިންގެ ޕްރައިމް މިނިސްޓަރާއި މެޑްރިޑްގެ މޭޔަ ޖޯސޭ ލުއިސް މާޓިނޭޒް އަލްމޭނިއާ އާއި ޔޫއެންޑަބުލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒާރަބް ޕޮލޯލިކަޝްވިލި އާއި އަދި މެންބަރު ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ވަފުދުތަކުގެ އިސްވެރިންނާ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވާފައެވެ.

މީގެ އިތުރުން ޑރ. މައުސޫމް ގެ ދަތުރުގައި ޔޫއެންޑަބުލިއުޓީއޯގެ އޭޝިއާ އެންޑްޕެސިފިކްގެ ރީޖަނަލް ޑައިރެކްޓަރު ހެރީ ހޮންގް އާއި ސްޕެއިންގެ ޓޫރިޒަމް ރިސާޗާއި އިނޮވޭޝަންސްއާ ބެހޭ އިދާރާ ސެޖިތޫރު އާއި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ޖަމިއްޔާ އެކްސެލްތޫރުގެ އިސްވެރިންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫއެންޑަބުލިއުޓީއޯގައި ހިމެނޭ ރީޖަނަލް ކޮމިޝަންސްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ "ޔޫއެންޑަބުލިއުޓީއޯ ފޮ ސައުތު އޭޝިއާ" (ސީ.އެސް.އޭ) ގެ މިހާރުގެ ޗެއާރ އަކީ ދިވެހިރާއްޖެއެވެ. ދިވެހިރާއްޖޭގެ އިތުރުން ސީ.އެސް.އޭ ގައި ހިމެނޭ ގައުމުތަކަކީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، އީރާން، ނޭޕާލް، ޕާކިސްތާން އަދި ޝްރީލަންކާއެވެ.