ކަފިހި ހުރަސް މަތީގައި ސައިކަލް ޕާކު ކުރީ އެމަޖެންސީ ހާލަތެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއަކުން ފެނިގެންދަނީ ފުލުހުންގެ ސައިކަލެއް ކަފިހި ހުރަހުގައި ޕާކުކޮށްފައި ހުއްޓާއެވެ. އެ ފޮޓޯ އާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ފުލުހުން ވަނީ އަމާޒުވެފައެވެ.

އެފޮޓޯ އާ ގުޅިގެން ފުލުހުން ބުނީ އެ ފޮޓޯއަކީ މިމަހު 14 ވަނަ ދުވަހު އެދުރު ހިޔާގެ ފްލެޓެއްގައި މީހެއްގެ ގައިގައި އަލިފާން ރޯވިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހާދިސާ ހިނގި ތަނަށް ފުރަތަމަ ދިޔަ ފުލުހުން އެމަޖެންސީ ހާލަތެއްގައި ސައިކަލް ޕާކްކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ކަމަށެވެ.

އެހާދިސާގައި މީހާގެ ހެދުމުގައި އަލިފާން ހިފިނަމަވެސް ހަށިގަނޑަށް ގެއްލުމެއް ނުލިބޭކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ފުރަތަމަ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުން އެންމެ އިސް ވާޖިބުކަމުގައި އަބަދުވެސް ދެކޭނެ ކަމަށެވެ.

މީގެ ކުރިން ބްރިޖު މަތިން ހެލްމެޓް ނާޅާ ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ ފުލުހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެކަމަކު އެއަށް ޓްވިޓާގައި ޖަވާބު ދެމުން ފުލުހުން ބުނީ އެހެން އެވީ ނަފްސާނީ ބައްޔެއް ހުރި މީހަކު ބްރިޖުން ފުންމާލަން އުޅުނު ކަމުގެ މައުލޫމާތު ލިބުމުން ކުއްލިއަކަށް ދާން ޖެހުމުން ކަމަށެވެ. އަދި ހެލްމެޓް ނާޅާ އެ ދެ ފުލުހުން ދިޔައީ އެ ވަގުތު ހުރި ޑިއުޓީ އޮފިސަރުގެ ހުއްދައާ އެކު ކަމަށް ވެސް ފުލުހުން ބުންޏެވެ.