ރާއްޖެއަށް ބޭނުންވާ ކޮވިޑް-19 ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ އާ އެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން ގެންނަން ހަމަޖެހިފައި ވަނީ 700،000 ޑޯޒްގެ ވެކްސިން ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ އިތުރުން ވެސް ރާއްޖެއިން އެހެން ގޮތްގޮތުން ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ކޯވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 ޕަސަންޓަށް ލިބޭ ވެކްސިން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވެކްސް ފެސިލިޓީގެ ދަށުން ލިބޭ ވެކްސިން ކުރިޔަށް އޮތް ތިން މަސް ތެރޭ ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖެއަށް ކޮވިޑް ވެކްސިން ހޯދުމުގެ މަސައްކަތުގެ ތެރެއިން މިއަދު ވަނީ އިންޑިއާއިން 1 ލައްކަ ޑޯޒްގެ ވެކްސިން ހޯދާފައެވެ. މިއަދު ރާއްޖެއަށް ގެނެސްފައި ވަނީ އޮކްސްފޯޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސް ދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އެ 1 ލައްކަ ޑޯޒްގެ ވެކްސިނުން ޖެހޭނީ 50،000 މީހުންނަށް ކަމަށް އެޗްއީއޯސީން ބުނަނީ މީހަކަށް 2 ޑޯޒް ދޭން ޖެހޭނެތީއެވެ.

ކޮވިޑް ވެކްސިން ހޯދުމަށް ދިވެހި ސަރުކާރާއި އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީއާ ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރުމަށް ނިންމުމަށްފަހުއެވެ. މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން އާންމުކުރި ގަރާރުގައިވާ ގޮތުން ކޮވިޑް ވެކްސިނަކީ މިވަގުތު ވަކި ބައެއްގެ ފަރާތުން ނޫނީ ލިބެން ނެތް ވެކްސިނެއް ކަމުން އެ ވެކްސިން މުޅި ދުނިޔޭގައި ވެސް ދޫކުރަމުން ދަނީ ޕްރޮކިއުމަންޓްގެ ހާއްސަ އުސޫލުން ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް ބޭނުންވާ ވެކްސިނެއް ކަމުން މި އެއްބަސްވުމުގައި ސޮއި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އެ ގަރާރުގައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ އެއބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އޮޑިޓެއް އެ މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު އެ ހަރަދުތައް ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ވެސް ވަނީ އަންގަފައެވެ.