މުލިއާގޭގެ ކައިރީގައި 2016 ވަނަ އަހަރު ބޭއްވީ ބޮމެއް ނޫން ކަމަށާއި އެއީ ކުޅޭކުޅޭ އެއްޗެއް ކަމަށް އެ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، އެ މައްސަލައިގައި ތުހުމަތު ކުރެވުނު ފަރާތްތަކާ ހަވާލާދީ ވަކީލު މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.
މުލިއާގޭ ކައިރީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރީ މަތީގައި ބޮމެއް ބޭއްވި ކަން ސާބިތުވެގެން ޖަލަށް ލީ ޖުމްލަ 3 މީހެކެވެ. ނަމަވެސް އެ މީހުންގެ ތެރެއިން ދެ މީހަކު ހައިކޯޓުން ވަނީ 2018 ވަަނަ އަހަރު މިނިވަން ކުރިއިރު، އެކަކުގެ ހުކުމް ވަނީ ދަމަހައްޓާފައެވެ. އެއީ މިހާރު އެ މައްސަލާގައި ބަންދުގައި ހުރި ތޮލްއަތް މުހައްމަދެވެ. ހައިކޯޓުން ނިންމި އެ ނިންމުން ތޮލްއަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އެ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި، ތޮލްއަތުގެ ވަކީލު މަހްފޫޒް ވަނީ މުލިއާގޭ ކައިރީގައި އޮތް ޕިކަޕެއްގެ ބެޓެރީ މަތީގައި އައިއީޑީއެއް ކަމަށް ބުނާ އެތި ބޭއްވި ކަމަށް އެ މައްސަލައިގައި ހިމެނޭ ދެ މީހަކު ކްރިމިނަލް ކޯޓުގައި ބުނެފައިވާ ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އެގޮތުން، އެއީ ހަގީގަތުގައި އައިއީޑީއެއް (ބޮމެއް) ނޫން ކަމަށާއި، އެއީ ކުޅޭކުޅޭ އެއްޗެއް ކަމަށް އެމީހުންނާ ހަވާލާދީ މަހްފޫޒް ވިދާޅުވިއެވެ.
މަހްފޫޒް ވިދާޅުވީ، މި މައްސަލާގައި ހިމެނޭ 3 މީހުންގެ މައްޗަށް ދަށު ކޯޓުން ކުށް ސާބިތުކުރީ ކަމާއި ގުޅުން ހުރި ތަޖުރިބާކާރުގެ ރައުޔައަށް ބަލާފައި ކަމަށެވެ. ނަމަވެސް އެ ނިންމުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މިރިޕޯޓް ތައްޔާރު ކުރި ފަރާތަކާ ބެހޭ ގޮތުން ސުވާލު އުފެދޭ ކަމަށާއި، އެއީ އެ ރިޕޯޓުގައި ސޮއި ކުރައްވާފައިވާ ކޮމާންޑިން އޮފިސަރު ކާނަލް އިބްރާހީމް ރަޝީދު ހެކި ބަސް ދެއްވާފައިވާ ގޮތުން ކަމަށް މަހްފޫޒް ވިދާޅުވިއެވެ.
އިބްރާހީމް ރަަޝީދަކީ މިފަދަ ރައުޔަ ދެވޭނެ ފަދަ ބޭފުޅެއް ނޫން ކަމަށް ކްރިމިނިލް ކޯޓުގެ ޝަރީއަތުގައި އޭޕްރިލް 2016 ގައި އޭނާ އަމިއްލަަ އަށް ވިދާޅުވެފައިވާ ކަން މަހްފޫޒް ވަނީ މިއަދުގެ އަޑުއެހުމުގައި ފާހަގަ ކުރައްވާފައެވެ.
މަހްފޫޒް އިތުރަށް ވިދާޅުވީ މުލިއާގޭ ކައިރީގައި ބާއްވާފައި އޮތް އެތި ނައްތައިލި އިރު ކަން ހިނގި ގޮތާ ބެހޭ ގޮތުން ސިފައިން ދައްކާފައިވާ ވާހަކަ އާއި އެ މަސައްކަތުގެ ވީޑިއޯ އިން ފެންނަ ގޮތާ ތަފާތުވުމުން ވެސް އެނގެނީ އެއީ ބޮމެއް ނޫން ކަމަށެވެ. އެގޮތުން އެ ނައްތާލި އިރު ވަރަށް ބޮޑު އަލިފާންގަނޑެއް މައްޗަށް އަރައިގެން ދިޔަ ކަމަށް ބުނި ނަމަވެސް ވީޑިއޯ އިން އެގޮތަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޕީޖީގެ ވަކީލު ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ބޮމާމެދު ޝައްކެއް ނުއުފެދޭ ކަމަށެވެ. އަދި އޭގައިވާ ބައިތައް ތޮލްއަތާއި އެ މައްސަލައިގައި ދައުވާ ލިބުނު ޒިހާން އަހުމަދު ދަށު ކޯޓަށް ދިން ބަޔާންތަކުގައި ކިޔައިދީފައިވާ ކަން ފާހަގަ ކުރައްވާ ވަކީލު ވިދާޅުވީ އެ މީހުންގެ ބަޔާންތަކުގައި ކިޔައިދިން ގޮތް އެމްއެންޑީއެފްގެ އެކްސްޕާޓް އޮޕީނިއަންއާ އެއްގޮތް ކަމަށެވެ. ޕީޖީ ވަކީލު ވިދާޅުވީ، އައިއީޑީ ނައްތާލި އިރު ބޮޑު އަލިފާންގަނޑެއް އަރައިގެން ދާ މަންޒަރު ވީޑިއޯއިން ނުފެންނަ ކަމަށް މަހްފޫޒް ވިދާޅުވި ނަމަވެސް އެ މަންޒަރު ވީޑިއޯއިން ފެންނަ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އަވަހާރަ ކޮށްލަން، ރިޔާސީ ލޯންޗް ފިނިފެންމާގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު މާލޭގެ އެކި ތަންތަނުން ވަނީ ގޮވާ އެއްޗެހި ކަމަށް ބެލެވޭ އެތައް އެއްޗެއް ސިފައިން ވަނީ ނަގާފައެވެ. އެކަމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސިފައިންނާއި ފުލުހުން ވަނީ ބޮޑެތި އޮޕަރޭޝަންތަކެއް ވެސް ހިންގާފައެވެ. އޭރު ވަނީ ސީރިއަސް ތުހުމަތުތަކަކާއެކު، އެތައް ބަޔަކު ހައްޔަރުކޮށް އެތައް ތަނެއް ފާސްކޮށްފައެވެ.