މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ހިރިލަންދޫ އާއި ނ. ހޮޅުދޫގައި ހިންގި އޮޕަރޭޝަން ތަކެއްގައި މަސްތުވާ ތަކެއްޗާ އެކު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ހިރިލަންދޫގައި ހިންގި އޮޕަރޭޝަނުގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައައި ވާ ކަމަށާއި އަދި އެމީހާ ދިރިއުޅެމުން ދާ ގެ ބަލައި ފާސްކުރިއިރު އެމީހާ އުޅެމުންދާ ކޮޓަރި ތެރެއިން މަސްވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
އަދި ހޮޅުދޫގައި ދެ އޮޕަރޭޝަނެއް ހިންގާފައި ވާއިރު، އޭގެތެރެއިން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ ހޮޅުދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވާއިރު އެމީހާ ހައްޔަރު ކޮށްފައި ވަނީ އެރަށު މަގުމަތިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި އެމީހާ ހުއްޓުވައި ބަލާފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހޮޅުދޫގައި ހިންގި ދެވަނަ އޮޕަރޭޝަނަކީ ހޮޅުދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގައި އެރަށު މަގުމަތިން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހާ ބަލާފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލަތައް ހިރިލަންދޫ އާއި ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.