ގއ. ވިލިނގިލީގެ މޮނިޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފިއެވެ.
ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ، މިދިޔަ ބުރާސްފަތި ދުވަހެވެ. އެއީ، އެ އަތޮޅު ދެއްވަދޫގައި ކޮވިޑް-19 ބަލި ފެތުރި، ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ވި ދަރިވަރަކު ވިލިނގިލީގައި ހުއްޓާ ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެ ދަރިވަރު ޕޮޒިޓިވް ވުމާއެކު ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ލުމަށް ފަހު ކޮންޓެކްޓް ޓްރޭސިން އަދި ރެންޑަމް ސާމްޕަލް ވެސް އެ ރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ނަމަވެސް ރެންޑަމް ކޮށް ނެގި ހުރިހާ ސާމްޕަލް ތަކެއް ނެގެޓިވް ވެފައި ވާއިރު، ވިލިނގިލިން ޕޮޒިޓިވް ވި ދަރިވަރުގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އިތުރު އެއް ކުއްޖަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ އޭނާއާއެކު އެއް ކޮޓަރިއެއްގައި ދިރިއުޅޭ ކުއްޖެކެވެ.
5 ދުވަހަށްފަހު ވިލިނގިލީގެ މޮނިޓަރިންގެ ހާލަތު އުވާލާފައިވާއިރު، ވިލިނގިލި ކައުންސިލްގެ މެންބަރު ހަބީބު ހަސަން ވިދާޅުވީ ރަށުގެ އާންމު ހާލަތު މިހާރު ވަރަށް ރަނގަޅު ކަމަށެވެ. ހަބީބު ވަނީ ރަށުގެ ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާ ކޮށްގެން، އެޗްޕީއޭގެ ގައިޑްލައިންތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
ހަބީބު ވިދާޅުވީ ރަށުގައި ބަލި ނުފެތުރޭނީ، ރަށުގެ ހުރިހާ ރައްޔިތުން އެއް ރޫހެއްގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ފަރުދީ ޒިންމާ އަދާ ކުރުމަށް ހާއްސަ ސަމާލު ކަމެއް ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލިނގިލީގެ މޮނިޓަރިންގެ ހާލަތު އުވާލިއިރު، ވިލިގިއްޔާއެކު މޮނިޓަރިން އަށް ލި އެ އަތޮޅު ދާންދޫގެ މޮނިޓަރިންގެ ހާލަތު އަދި އުވައެއް ނުލައެވެ. ދެއްވަދޫގެ ވެސް މޮނިޓަރިންގެ ހާލަތު އުވައެއް ނުލައެވެ. ދެއްވަދޫއިން އިތުރު ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ ވެސް މިއަދަށް 3 ދުވަސް ވެއްޖެއެވެ.
ދެއްވަދޫ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ތައުފީގް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުން ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ 3 ދުވަސް ވެފައިވާއިރު، ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށެވެ. އަދި ޕޮޒިޓިވް ވެ، ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އޭނާ މައުލޫމާތު ދެއްވައެވެ.
އަދި ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި ދެ ކުޑަކުދިންގެ ސާމްޕަލް މިއަދު ނަގާފައިވާ ކަމަށާއި، އެ ދެ ކުދިންގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށް ވެސް ތައުފީގް ވިދާޅުވިއެވެ. ތައުފީގް ވިދާޅުވީ، މީގެ އިތުރުން ރަށުގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ކަމަށާއި، ރަށުގެ ހާލަތު ރަނގަޅުވެފައި ވާތީ، މިވަގުތަށް ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލާފައިވާ ކަމަށެވެ.