މިއަދު ރާއްޖެއިން 69 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 35 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 8 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 26 މީހަކާއި ލައިވް އެބޯޑުން ޕޮޒިޓިވްވި އެކަކެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14،583 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 26 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،566 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 960 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 74 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 49 އަށް ވަނީ އަރާފައެވެ. އެއީ 42 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 49 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މިވަގުތު ރާއްޖޭގެ ބައެއް ރަށްރަށް ވަނީ ކޮވިޑްގެ ސަބަބުން މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ. އެ ރަށްރަށުގެ ތެރޭގައި ގއ. ދެއްވަދޫއާއި، ދާންދޫ އާއި ވިލިނގިލި ހިމެނެއެވެ.

މި މަހުގެ ފުރަތަމަ ހަފްތާގެ ކޮވިޑް ކޭސްތަކުގެ ތަފްސީލަށް ބަލާއިރު ޖެނުއަރީ 1 އިން ޖެނުއަރީ 7 ވަނަ ދުވަހާ ހަމައަށް ވަނީ 231 ޕޮޒިޓިވް ކޭސް ފެނިފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 1 ގައި 47 ކޭސްއެވެ. މީގެ އިތުރުން މި މަހުގެ 8 އިން 14 އަށް ކޮވިޑް ކޭސްތައް އިތުރުވަމުން އައިސްފައިވާ އެ ހަފްތާގައި ޖުމްލަ 337 ޕޮޒިޓިވް ކޭސް ފެނިފައި ވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 12 އަދި 13 ވަނަ ދުވަހު 59 ކޭސްގެ ގޮތުގައެވެ.

މި މަހުގެ 15 އިން ފެށިގެން މިއަދާ ހަމައަށް މިވީ ހަތަރު ދުވަހު ޖުމްލަ 257 ޕޮޒިޓިވް ކޭސް ފެނިފައިވާ އިރު މުޅި ޖެނުއަރީ ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މި ވަނީ 825 އަށް އަރާފައެވެ. އަދި މި މުޅި ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ. އެއީ 87 ކޭސްއެވެ. އޭގެތެރޭގައި 32 މީހުންނަކީ ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ ސްޓާފުންނެވެ.