ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝެއިހު ހުސެއިން ރަޝީދު އަހްމަދުގެ މައްސަލައެއް ބަލައި ދިނުން އެދި ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ހުށަހަޅާއިފިއެވެ.

26 ޖަމިއްޔާއެއް ގުޅިގެން އުފެއްދި ރައްޔިތުންގެ އިއްތިހާދުން މި މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައެވެ. ސީޕީ ހަމީދަށް އެ ސިޓީ ފޮނުވާފައި ވަނީ ދިވެހިންގެ މެދުގައި ދީނީ ބައިބައިވުން އުފެދޭނެހެން ކްރިސްމަސް ފާހަގަ ކުރުމުގެ ލާދީނީ ހިޔާލު ރައީސް ނަޝީދު ފާޅު ކުރެއްވުމުން އެކަމަށް ޝޭހް ހުސެއިން ތާއިދު ކުރައްވާފައި ވާތީ ކަމަށެވެ. އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް އެ ސިޓީގައި ވެއެވެ.

ރައްޔިތުންގެ އިއްތިހާދުން ވަނީ ކްރިސްމަސް ފާހަގަ ކުރުން ހުއްދަ ކަމާށާއި، އެފަދަ ނުބައިކަން ބޮޑު ޝިކުރުގެ ފާފައަށް ތަހުނިޔާ ކިޔުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ބުނެ ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހަމައެއާއެކު ކްރިސްމަސް ފާހަގަ ކުރުމުގެ ފާފައަށް ތަހުނިޔާ ކިއުމަށް ހިތްވަރު ދޭ މޭރުމުން ރައީސް ނަޝީދާއި ހުސެއިން ވާހަކަ ދައްކަވާފައި ވާތީ އެ ބޭފުޅުންނަށް ފިޔަވަޅު އެޅުމަށް ވެސް އެ ޖަމްއިއްޔާއިން ގޮވާލަފައި ވެއެވެ.

އަދި މިއީ އަޅާ ނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

ނަސާރާ ދީނުގެ މީހުން ކޮންމެ އަހަރަކު ޑިސެމްބަރު 25ގައި ފާހަގަ ކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ، އެ ދުވަސް ފާހަގަ ކުރަމުންދާ މީހުންނަށް އަމާޒުކޮށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެ ދުވަހު ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓާ ގުޅިގެން އެތައް ބައެއްގެ ފާޑުކިއުން ރައީސް ނަޝީދަށް އަމާޒުވިއިރު، އެމަނިކުފާނުގެ ޕާޓީ އެމްޑީޕީގެ މެންބަރުން އެމަނިކުފާނުގެ ދިފާއުގައި ތެދުވެ ވަޑައިގެންނެވިކަން ފާހަގަ ކޮށްލެވެއެވެ. ހަމައެއާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ރައީސް ނަޝީދުގެ ދިފާއުގައި ތެދުވެ ވަޑައިގެންފައެވެ.

މީގެ އިތުރުުން ދުނިޔޭގައި ކްރިސްމަސް ފާހަގަ ކުރަމުން ދިޔަ ދުވަސްވަރު، އިސްލާމް ދީން ނޫން އެހެން ދީންތަކުގެ މުނާސަބަތުތައް ފާހަގަކުރާ އެއްވެސް ދުވަހެއްގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް އިލްމުވެރިންގެ ގުޅުމުން ވަނީ އިލްތިމާސް ކޮށްފައެވެ. އިލްމުވެރިންގެ ގުޅުމުން ވަނީ މާތް ﷲއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށާއި އެފަދަ ކަންކަމުން ދިވެހިން ދުރުވެ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.