ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ސަބަބުން އުދުހެން ގަތް ބިރެއްގެ ސަބަބުން، ޝިކާގޯގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައި 3 މަސްވަންދެން ފިލައިގެން ދިރިއުޅެމުން ދިޔަ މީހަކު ހައްޔަރު ކޮށްފިއެވެ.

އުމުރުން 36 އަހަރުގެ، އަދިއްތިޔާ ސިންހް ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށް ހަބަރު ލިބެއެވެ. ކަމާ ބެހޭ ފަރާތްތަކުން އޭނާ ހައްޔަރު ކުރީ، އެއީ ކާކުކަން ބަޔާންކޮށްދިނުމަށް އެއާލައިންގެ މުވައްޒަފަކު އެދުނު ހިސާބުން، އޭނާ ދެއްކި ބެޖަކާ ހެދިއެވެ.

އެ ބެޖަކީ އޮޕަރޭޝަންސް މެނޭޖަރެއްގެ ބެޖެއް ކަމަށް ވާއިރު، އެ ބެޖަކީ މިދިޔަ އޮކްޓޯބަރު މަހު، ގެއްލިގެން ރިޕޯޓް ކޮށްފައިވާ ބެޖެކެވެ.

އެމެރިކާގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މީހާ ލޮސް އެންޖަލީސްއިން އޯހެއާ އިންޓަނޭޝަނަލް އެއާޕޯޓަށް އެތެރެވީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

އެސިސްޓަންޓް ސްޓޭޓް އެޓާނީ ކެތުލީން ހެގާޓީ ވިދާޅުވީ، ސިންހަކީ ކޮވިޑް ދެކެ ބިރުން އަމިއްލަ ވަޒަނަށް ފުރަން ބިރު ގަތް މީހެއް ކަމަށާ، އޭނާ ގެންގުޅުނު ބެޖަކީ އެއާޕޯޓް ތެރެއިން އޭނާއަށް ފެނުނު ބެޖެއް ކަމަށް ބުނާ ކަމަށެވެ.

ހެގާޓީ ވިދާޅުވީ މިވީހާ ދުވަހު ސިންހް ކައިބޮއި ހެދީ އެކި ފަސެންޖަރުން ދިން އެހީއާއެކުގައެވެ.

އެސިސްޓަންޓް ޕަބްލިކް ޑިފެންޑާ ކޯޓްނީ ސްމޯލްވުޑް ވިދާޅުވީ، ލޮސްއެންޖަލީސްގެ ރަށް ފުށު ހިސާބުގައި ދިރިއުޅެމުން އައި ސިންހަކީ، ޖިނާއީ ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށެވެ. ނަމަވެސް، އޭއާޕޯޓްގައި ވަނުމަނާ ސަރަހައްދެއް ހުރަސް ކުރި ކަމުގެ ކުށުގެ ދައުވާ، މިހާރު އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.